ކޮރަޕްޝަނާއި ނުފޫޒުން މުޅި ދައުލަތް ހަރާބުވަމުންދާ މިންވަރު ކުޑަކުރުމަށް މަޖިލީހުގެ ކޮމިޓީތަކުގެ ޒިންމާ ބޮޑު ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ ޕާފޯމަންސް އޮޑިޓެއް ހަދަން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވުމަށް ފަހުއެވެ.
އާދަމް ޝަރީފް ވިދާޅުވީ މިހާރު ފެންނަމުން ދަނީ ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތްތައް ލަސްވެ މިނިވަން މުއްސަސާތަކުގެ ގާނޫނީ ޒިންމާވެސް އަދާ ނުކުރާ މަންޒަރު ކަމަށެވެ. އަދި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި ހިޔާނާތް އިތުރުވެ ނުފޫޒުގެ ބޭނުން ކޮށްގެން ނަހަމަ ގޮތުގައި މީހުންނަށް ވަޒީފާ ދޭ ކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.
ސިޔާސީ ބޭނުމަށާއި އިންތިހާބުތައް ކާމިޔުާބު ކުރުމުގެ ނިޔަތުގައި ސަރުކާރުގެ މުދަލާއި ފައިސާ ބޭނުންކުރަމުންދާ ކަމުގެ ހަގީގަތް ދެނެގަތުމަށްޓަކައި މަޖިލީހުގެ ކޮމިޓީތަކުން މަސައްކަތް ކުރަމުންދާ ގޮތާއި މިންވަަރު ދެނެގަންނަން ޖެހޭ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް ހިނގަމުންދާ ގޮތުގެ ޕާފޯމަންސް އޮޑިޓެއް ހަދަން އާދަމް ޝަރީފް ހުށައެޅުއްވިއެވެ.
މަޖިލީހުގެ ކޮމިޓީތަކުގެ ޕާފޯމަންސް އޮޑީޓެއް ހަދަން އާދަމް ޝަރީފް ހުށަހެޅުއްވި އިރު އެ ކޮމިޓީތަކުގެ މަސައްކަތްތައް މިހާރަށް ވުރެ އަވަސްކޮށްދިނުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ އިލްތިމާސް ކުރައްވާފައެވެ.