މަޝްހޫރު ބޮލީވުޑް ތަރި ސޯނަމް ކަޕޫރު އަހޫޖާ ބަލިވެއިންކަން އިއުލާން ކުރި ފަހުން އޭނާގެ ބަނޑުކޮޅު ފެންނަ ފޮޓޯތަކެއް ދައްކާލައިފިއެވެ.

ސޯނަމް ކަޕޫރު ވަނީ އޭނާ މާބަނޑު ކަން ގިނަ ދުވަސްތަކެއް ވަންދެން ސިއްރު ކުރަން މަސައްކަތް ކޮށްފައެވެ. ނަމަވެސް މިދިޔަ މަހު އޭނާ ވަނީ ސޯޝަލް މީޑިއާގައި ރަސްމީ އިއުލާނެއް ކޮށްފައެވެ. އެ ދުވަހުން ފެށިގެން ސަޕޯޓަރުންގެ ލޯތްބާއި މަރުހަބާގެ ބަސްތައް އަންނަނީ އޮއްސަމުންނެވެ.

މިއަދު ސޯނަމްގެ ރަސްމީ ހޭންޑްލްގައި އޭނާގެ ވަރަށް ހިތްގައިމު ފޮޓޯތަކެއް ވަނީ ހިއްސާ ކޮށްފައެވެ. މިއާއެކު ސޯޝަލް މީޑިއާގައި އޭނާ ކުރި ޕޯސްޓްތަކާ އެކު ސޯނަމްގެ ފޭނުންގެ މަރުހަބާގެ މެސެޖުތަކާއި ތައުރީފްގެ މެސެޖްތަކާއެކު އެންމެ ގެ ސަމާލުކަން މި ވަނީ ސޯނަމް އަށް ހުއްޓިފައެވެ.

ސޯނަމް ކަޕޫރް އަހޫޖާގެ ބަނޑަށް މިހާރު 4 މަސް ވެއްޖެ ކަމަށް ރިޕޯޓްތައް ބުނޭ

އަބޫ ޖާނީ ސަންދީޕް ހޮސްލާ ޑިޒައިންކޮށްފައިވާ އައިވަރީ-ހުޅަނގުގެ ސާޅިއެއްގައި ސޯނަމް ފެނިގެންދާ އިރު، އޭނާ ސްޓައިލްކޮށްފައި ވަނީ އެއްބަނޑު އެއްބަފާ ދައްތަ ރިއާ ކަޕޫރުއެވެ. އޭނާގެ އިސްތަށިގަނޑު ރާޅުބާނި ގޮތަކަށް ދޫކޮށްލާފައި އޮތް އިރު، އެ ފޮޓޯތަކުގައި އޭނާ ބޭނުންކޮށްފައި ވަނީ އޭނާގެ މަންމަގެ ގަހަނާތަކެވެ. އެގޮތުން ޗަންކީ ސްޓޭޓްމަންޓް ސްޓަޑްތަކާއި ކަރުގައި އަލާފައިވާ ހާރު ހިމެނެއެވެ. މީގެ އިތުރުން އެމޭނިންގް ރޯޔަލް ރެޓްރޯ ވައިބްސްއާ ގުޅޭ ގޮތުން ލޮލުގައި އަނދުން ފަވާފައިވާ މޭކަޕާ އެކު ސޯނަމްގެ މި ފެނިލުން އިތުރަށް ފުރިހަމަ ކޮށްދެއެވެ.

ސޯނަމް ބަލިވެ އިން ހިސާބުން އޭނާގެ މައިންބަފައިން، އަނިލް ކަޕޫރާއި ސުނީތާ ކަޕޫރާއި އެއްބަނޑު އެއްބަފާ ދައްތަ އާރްޔާ ކަޕޫރު ތިބީ ވަރަށް އުފަލުންނެވެ. އާއިލާއަށް އާ މެންބަރެއް ލިބެން އުޅުމުގެ އުފާވެރިކަމުގައި އެމީހުން ތިބީ ކެތްމަދުވެފައެވެ.

ރިޕޯޓްތައް ބުނާގޮތުން ސޯނަމްގެ ބަނޑަށް މިހާރު ހަތަރު މަސް ވެދާނެއެވެ. އޭނާ ވިހާނެ ކަމަށް ލަފާ ކުރަނީ އަންނަ އޮގަސްޓް މަހުގައެވެ.

ސޯނަމް އަކީ އެކްޓްރެސް އަކަށް ވެފައި އިންޑިއާގައި ފާހަގަކޮށްލެވޭ ފެޝަން އައިކަން އެކެވެ. މިދިޔަ މާޗް މަހުގެ ތެރޭގައި ފިރިމީހާ އާނަންދް އަހޫޖާ އާއެކު ފުރަތަމަ ދަރިފުޅަށް ބަލިވެއިން ކަން އިއުލާން ކުރި އިރު، "މެޓާނިޓީ ސްޓައިލްގެ" ފެނިލުންތަކެއް އަންނާނެ ކަމުގެ އިޝާރާތެއް ވެސް އެ ތަރި ވަނީ ދީފައެވެ.