މުޅި އިސްލާމީ އުއްމަތާ ބައްދަލު ކުރާ އެންމެ މާތް އެއް މައްސަރު ކަމަށް ވާ ރޯދައިގެ މަތިވެރި އަޅުކަމުގެ މައްސަރަށް ހާއްސަ ކޮށްގެން، މީހުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށްޓަކާ، ގޫގްލްއިން ހާއްސަ ފީޗާތަކެއް ތައާރަފު ކޮށްފިއެވެ.

ގޫގްލްއިން ބުނާ ގޮތުގައި ރޯދަމަހާ ގުޅުވައިގެން އެ ސާޗް އިންޖީން ބޭނުން ކޮށްގެން މައުލޫމާތު ހޯދި ނިސްބަތް، ފާއިތުވީ 2 އަހަރު ދުވަހުގެ ތެރޭގައި ވަނީ 25 ޕަސެންޓް އިތުރުވެފައެވެ.

މިކަމަށް ރިއާޔަތް ކޮށް، ގޫގްލް އިން ވަނީ ރޯދައަށް ހާއްސަކޮށްގެން ވަކި ސެކްޝަނެއް ތައާރަފުކޮށްފައެވެ. ނަމާދު ވަގުތުތަކުގެ އިތުރުން، އެނޫންވެސް މުހިންމު މައުލޫމާތު، ހަމައެކަނި "ރަމަދާން" ޖަހާ ސާޗްކޮށްގެން ފެންނާނެ އިންތިޒާމް، ގޫގްލްއިން ހަމަޖައްސާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ގޫގްލްއިން ވަނީ ރޯދައަށް ހަނދު ބެލުމުގެ ތަޖުރިބާވެސް ތަފާތު ގޮތަކަށް ހިއްސާ ކޮށްފައެވެ. މީގެ އިތުރުން ގިބްލަ ހޯދޭނެ އިންތިޒާމު ހަޖައްސާފައި ވާ އިރު، ރޯދައަށް ހާއްސަކޮށްގެން ވިޔަފާރި ކުރާނެ ގައިޑްތައްވެސް ގޫގްލްއިން ވަނީ އާންމުންނާ ހިސާބަށް ގެނެސްދީފައެވެ.

ވޯލްޑް ޕޮޕިއުލޭޝަން ރިވިއު ބުނާ ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 2 ބިލިއަނަށްވުރެ ގިނަ މުސްލިމުން ދިރިއުޅެއެވެ.