އައްޑޫ ސިޓީގައި 6 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ކަމާ ގުޅޭ އިދާރާތައް ހާޒިރުކޮށް ސުވާލު ކުރަން ނިންމައިފިއެވެ.

އެ މައްސަލާގައި ކަން ހިނގާފައިވާ ގޮތް ކަމާގުޅޭ އިދާރާތަކުން އޮޅުންފިލުވުމަށް، އެދިވަޑައިގަތީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ. މިއަދު އެ ކޮމިޓީގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ރިޒައިނާ ވިދާޅުވީ، މި މައްސަަލަ ވީހާވެސް އަވަހަކަށް ތަފްސީލު މައުލޫމާތު ބޭނުންވާ ކަމަށާއި އަދި ކަމާ ބެހޭ ބޭފުޅުން ހާޒިރުކޮށްގެން ސުވާކުކުރުން މުހިއްމު ކަމަށެވެ. އެގޮތުން ރޮޒައިނާ އެދިވަޑައިގަތީ އައްޑޫ ސިޓީ ކައުންސިލާއި ޖެންޑާ މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަންނަ ބުދަ ދުވަހު އެ ކޮމިޓީއަށް ހާޒިރުކޮށް ދިނުމަށެވެ.

އައްޑޫގައި ހަމަނުޖެހުން ބޮޑުވި އެ މައްސަލާގައި، ކުއްޖާއަށް ޖިންސީ ގޯނާކުރީ ކާފަ ކަމަށާއި އާއިލާ އިން އެކަން ސިއްރުކޮށް، އެހެން މީހަކު ފްރޭމްކޮށްފައިވާ ކަމަށް ބުނެ މުޒާހަރާ ވެސް ކުރިއިރު، ސޯޝަލް މީޑިއާގައި އެކި ގޮތްގޮތަށް އެ ވާހަކަ ދައްކައި، އެ މައްސަލަ ސިޔާސީކުރާ ކަމުގެ ތުހުމަތު ރޮޒައިނާ ކުރެއްވިއެވެ. ކޮމިޓީއަށް މައްސަލަ ހުށަހަޅުއްވަމުން ރޮޒައިނާ ވިދާޅުވީ މިދިޔަ ބުދަ ދުވަހު އެކަމުގެ މައުލޫމާތު ސާފުކުރުމަށް ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށާއި އެއީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައެއް ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވާދަވެރިކަން ބޮޑުވެފައި އޮތް މި ދަނޑިވަޅުގައި ޖިންސީ ގޯނާގެ މި މައްސަލައާ ފައްޔާޒްގެ ކެމްޕެއިނަށް ހުރަސް އެޅޭ ފަދަ ވާހަަކަތައް ދެކެވެމުންދާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އެ ގޮތުން 6 އަހަަރުގެ ކުއްޖާގެ ބޭބެއަކީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލުގެ ކެމްޕެއިނުގައި އައްޑޫގައި އިސްކޮށް އުޅޭ މީހެއް ކަމަށް ކުރާ ތުހުމަތުތަކާ ހެދި ކަމުގެ ހަގީގަތް އޮޅުން ފިލުވުމަކީ މުހިއްމު ކަމެއް ކަމަށް ރޮޒައިނާ ފާހަގަ ކުރެއްވިއެވެ. ރޮޒައިނާ ވިދާޅުވި ގޮތުގައި ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާ ހެދި އެކި މީހުންނަށް އިނގިލި ދިއްކުރަމުން ދެއެވެ.

ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 59 އަހަރުގެ އަންހެނެކެވެ. އަދި ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް މިމަހު 25 ވަނަ ދުވަހު ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެއްބަޔަކު ބުނާ ގޮތުގައި، އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އަންހެނެއް ކަމަށް ވިޔަސް، އެކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައި ވަނީ އެކުއްޖާގެ ކާފައެވެ. އަދި އެ އަންހެން މީހާއަކީ އޭނާއަސް މާމަ ކިޔާ ދަރިންތަކެއްވެސް ބަލަމުންދާ ސްކޫލްގެ މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރަމުންދާ ވެސް މީހެއް ވެސް މެއެވެ.