މިދިޔަ ފެބްރުވަރީ މަހު ބީއެމްއެލް އިން ހުޅުވާލި ސްކޮލާޝިޕް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 21 ވަަނަ ދުވަހަށް ހަމަވާނެ ކަމަށް ބީއެމްއެލުން ބުނެފިއެވެ.
މި ފަންޑަކީ ބޭންކިން އާއި މާލީ ދާއިރާއިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާ ކުރުމުގެ އަމާޒުގައި ހުރިހާ ހަރަދެއް ހިމެނޭ ހެން ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ބީއެމްއެލުން ހުޅުވާލި ފަންޑެކެވެ. މި ފަންޑުގެ ދަށުން ތިން ދަރިވަރަކަށް ސްކޮލަޝިޕް ދިނުމަށް ބޭންކުން ވަނީ ނިންމާފައެވެ.
ބީއެމްއެލުން ބުނީ، މި ފަންޑުގެ ދަށުން ދަރިވަރުންނަށް ބޭންކިން އެންޑް ފައިނޭންސްގެ ރޮނގުން ފައިނޭންޝަލް ޓެކްނޮލޮޖީ، ރިސްކް މެނޭޖްމަންޓް އަދި ފައިނޭންޝަލް ރިޕޯޓިން އެންޑް އެނަލިޓިކްސް ނުވަތަ ފައިނޭންޝަލް އިންޖިނިއަރިން ފަދަ އެކި ދާއިރާތަކުން އަންޑާ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެދި ހުށަހެޅާނެ ކަމަށެވެ. އެގޮތުން އުމުރުން 18 އަހާރާއި 25 އަހަރާ ދެމެދު ދިވެހިންގެ ތެރެއިން އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާ ފަރާތްތަކަށް މި ފަންޑަށް އެދި ހުށަހެޅެމުގެ ފުރުސަތު ވަނީ ހުޅުވާލާފައި ކަމަށް ބީއެމްއެލުން ބުނެއެވެ.
މި ފަންޑުގެ ދަށުން ޓިއުޝަން ފީ، މަހުން މަހަށް ހިނގާނެ ހަރަދު، ވިސާ ފީ، ފޮތް ގަތުމުގެ ހަރަދާއި އެސްޓަބްލިޝްމެންޓް އެލަވަންސްގެ އިތުރުން ޓިކެޓް ހަރަދު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ސްކޮލަޝިޕަށް އެދި ހުށަހަޅާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ބޭނުންވާ އިތުރު ލިޔުންތަކާއެކު މި މަހުގެ 21 ވަނަ ދުވަހުގެ ކުރިން އީމެއިލް ކުރުމަށް ބޭންކުން ބުނެއެވެ. ސްކޮލަރޝިޕް ފަންޑުގެ ޝަރުތުތަކާއި ދަރިވަރުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާ ބެހޭ މައުލޫމާތު މި ލިންކުން އިން ލިބޭނެއެެވެ.
ބީއެމްއެލް ސްކޮލަޝިޕް ފަންޑަކީ މި އަހަރުގެ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެވެ.