ސްރީލަންކާގެ އާންމު ހާލަތު ގޯސްވުމާ ގުޅިގެން އެ ގައުމުގައި ދިރިއުޅޭ ދިވެހީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
ސްރީލަންކާގެ އިގްތިސޯދީ، ސިޔާސީ އަދި އާންމު ހާލަތު ގޯސްވުމާ ގުޅިގެން އެ ގައުމުގައި މުޒާހަރާތަކާއި ހަމަނުޖެހުންތައް އިތުރުވެ، އެތައް ގަޑިއިރުތަކަށް ކަރަންޓާއި އެހެނިހެން އަސާސީ ހިދުމަތްތައް މެދުކެނޑި، އެ ގައުމުގައި ވަނީ ކާފިއު އިއުލާން ކޮށްފައެވެ.
އާދަމް ޝާރީފް ހުށަހެޅުއްވި މައްސަލައިގައި ބުނާ ގޮތުގައި، ލަންކާއަކީ އެތައް ދިވެހި އާއިލާތަކެއް އަދި ކިޔަވާ ކުދިން ދިރިއުޅެމުންދާ ގައުމަކަށް ވެފައި ލަންކާގެ ހާލަތު ގޯސްވުމުގެ ސަބަބުން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ވެސް ކެއިންބުއިމަށް ބޭނުންވާ ތަކެތި ނުލިބުމާއި ގިނަ ވަގުތުތަކުގައި ކަރަންޓް ނުލިބޭތީވެ، ހޯދޭ މަދު ކާބޯތަކެތީގެ ބާވަތްތައް ވެސް ފުރިޖުގައި ރައްކާކުރަން ދަތިވެފައިވާ ކަަމަށެވެ. ހަމައެއާއެކު ދަތުރުފަތުރު ކުރަން ދަތިވުމާއި މިނޫން ވެސް އެތައް ވޭނަކާއި ތުރާލެއް ދިވެހިން ތަހައްމަލު ކުރަމުން ދާތީއާއިލަންކާގައި ހާއްސަކޮށް ރޯދަ މަހުގެ ދުވަސްތައް ދިވެހީންނާއި އެ ގައުމުގެ މުސްލިމުން ހޭދަ ކުރަމުން ދަނީ ބަޔާން ކުރަން ދަތި، ނިކަމެތި ހާލަތެއްގައި ކަމަށެވެ.
އެހެންކަމުން ލަންކާގައި ތިބި ދިވެހި ކިޔަވާ ކުދިންނާއި ކުޑަކުދިންނާއި ޅަދަރިމައިންނާއި އަންހެނުންނާއި އެހެނިހެން ދިވެހިންގެ ހާލަތު، ވަކިވަކިން، ދުވަހުން ދުވަހަށް މޮނިޓާ ކުރުމަށާއި، ލަންކާގައި ދިރިއުޅޭ ދިވެހީންނަށް ކުރިމަތިވެފައިވާ ދަތިތަކާއި އަދި ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަނެ، ދިވެހި ސަރުކާރުން ލަންކާގައި ދިރިއުޅޭ ދިވެހިންނަށް މާލީ އަދި ހިއުމަނިޓޭރިއަން އެސިސްޓެންސް ވީހާވެސް އަވަހަކަށް ފޯރުކޮށް ދިނުމަށް އެ ކުއްލި މައްސަލައިގައި އެދިފައި ވެއެވެ. އެ ގައުމުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި ދިވެހިންގެ ހައްގުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަވަހަށް އެޅުމަށް އެ ކުއްލި މައްސަލއިގައި ވަނީ ސަރުކާރަށް ގޮވާލާފައެވެ.
ލަންކާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ރައްޔިތުންގެ ނުކުމެ ސިލްސިލާ މުޒާހަރާތަކެއް ކުރަމުން ދާ ދަނޑިވަޅަކީ، ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެ، ތަކެތީގެ އަގުތައް އިންތިހާއަށް އުފުލި، ތެލަށް ޖެހި ދުވާލަކު 13 ގަޑިއިރު ކަރަންޓާ ނުލައި އުޅެން ޖެހިފައި ދަނޑިވަޅެކެވެ. ލަންކާގައި ދިރިއުޅޭ ބައެއް ދިވެހިން ބުނީ، ހާލަތު ވަރަށް ގޯސް ކަމަށާއި، ނެޓްވޯޓްވެސް ކަނޑާލާފައި ހުރުމުން، އިންޓަނެޓާއި އެހެނިހެން ބައެއް ވަސީލަތްތަކަށް ވަންނަނީ ވީޕީއެން މެދުވެރިކޮށް ކަމަށެވެ.