ރަޝިއާއިން ކުރަމުންދާ ވަރުގަދަ ހަނގުރާމާގައި ޔޫކްރައިންއަށް އެއްބާރުލުން ދިނުމަށާއި، ސޯޝަލް މީޑިއާއާއި ޓީވީގައި ޔޫކްރައިންގެ ވާހަކަ ކިޔައިދީ، ހަނގުރާމައިގެ ހަގީގަތް ހާމަކޮށްދިނުމަށް ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ ގޮވާލައްވައިފިއެވެ.

ޔޫކްރައިންގެ ރައީސް އަދި ކުރީގެ ކޮމީޑިއަން އެކްޓަރު ޒެލެންސްކީ މިކަމަށް ގޮވާލައްވާފައި ވަނީ، މިއުޒިކީ ދުނިޔޭގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑްތަކުގެ ތެރޭގައި ގުނާލެވޭ ގްރެމީ އެވޯޑްސްގެ މި އަހަރުގެ ހަފުލާއަށް ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

64 ވަނަ ގްރެމީ އެވޯޑް ހަފުލާއަށް ޒެލެންސްކީ ދެއްވި ހާއްސަ ވީޑިއޯ މެސެޖުގެ ކުރިން، ޔޫކްރައިންގެ ރައްޔިތުންނަށް ހާއްސަކޮށްފައިވާ މިއުޒިކީ ހުށަހެޅުމެއްވެސް ވަނީ ފެނިފައެވެ. އެ ހުށަހެޅުމަކީ ޖޯން ލެޖެންޑްގެ އިތުރުން ޔޫކްރައިންގެ ފަންނުވެރިންތަކެއް ގުޅިގެން ގެނެސްދިން ހާއްސަ ހުށަހެޅުމެކެވެ.

ގްރެމީ އެވޯޑް ހަފުލާއަށް ދެއްވި މެސެޖުގައި ޒެލެންސްކީ ވިދާޅުވީ ޔޫކްރައިންގެ ކުޑަ ކުދިން ކުރަހަމުން ދަނީ އުޑަށް އަރައިގެންދާ ގިނިހިލަ ނުވަތަ ޝޫޓިންގް ސްޓާ ނޫން ކަމަށާ، އެކުދިންގެ ތަސްވީރުތަކުން ފެންނަނީ (ހަމަލާދޭ) ރޮކެޓްތައް ކަމަށެވެ. ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމާގައި މިހާތަނަށް 400 އަށް ވުރެ ގިނަ ކުދިން ޒަހަމްވެފައި ވާ އިރު، މަރުވި ކުދިންގެ އަދަދު 153 އަށް އަރާފައި ވާ ކަންވެސް ޒެލެންސްކީގެ މެސެޖުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ފެބުރުއަރީ 24 ވަނަ ދުވަހު، ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަކަށް އެ ގައުމުގެ އަސްކަރިއްޔާއިން ފުރިހަމަ ބާރާއެކު ޔޫކްރައިންއަށް އަރާ، ހަނގުރާމަ ކުރަން ފެށި ފަހުން ޒެލެންސްކީ ގެންދަވަނީ ބައިނަލްއަގުވާމީ ތާއީދާއި ހަމްދަރުދީ ހޯއްދެވުމަށް އެކި ޕްލެޓްފޯމްތައް ބޭނުން ކުރައްވަމުންނެވެ.