އައްޑޫ ސިޓީއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެންނެވި ދަނޑިވަޅާ ދިމާކޮށް، ޓެރަރިޒަމް އަމަލެއް ހިންގަން އުޅުނު ކަމަށް ބަލާ ހައްޔަރު ކުރި އެންމެން ދޫކޮށްލައިފިއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ އެކު އައްޑޫގައި ހިންގި އޮޕަރޭޝަނެއްގައި ޓެރަރިޒަމްގެ ތުހުމަތުކޮށް މިދިޔަ މަހު 27 ވަނަ ދުވަހު 9 މީހަކު ހައްޔަރުކުރިއެވެ.

ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ހަ މީހެއްގެ ބަންދަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހަތް ދުވަސް ޖެހިއިރު މިއަދު އެމުއްދަތު ވަނީ ހަމަވެފައެވެ.

ފުލުހުން ބުނީ އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނާތީ މިހާރު އެ ހަ މީހުން ވެސް ދޫކޮށްލާފައިވާ ކަމަށެވެ.

މިމައްސަލައިގައި ހައްޔަރުކުރި ތިން މީހަކު ވަނީ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުނުކޮށް ދޫކޮށްލާފައެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި އައްޑޫން ބަޔަކު ހައްޔަރި ދަނޑިވަޅުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖަޔަޝަންކަރާއި ދިވެހި ދައުލަތުގެ ބައެއް މިނިސްޓަރުން ތިއްބެވީ ރަސްމީ ދަތުރެއްގައި އައްްޑޫގައެވެ.