އައްޑޫ ފޭދޫގައި 75 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބީލަމަށް ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ހައުސިން މިނިސްޓްރީގެ ދަށުން ފޭދޫގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 75 ހައުސިން ޔުނިޓް އަޅައި ދިނުމުގެ މަސައްކަތްކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 20 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށާއި ފައިސާ ބަލައި ގަންނާނީ މާދަމާއިން ފެށިގެން މިމަހު 14 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 381،000 ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށް ފިނޭންސުން ބުނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

ފޭދޫގައި 75 ހައުސިން ޔުނިޓް އަޅަން ބީލަމަށް ހުޅުވާލިއިރު މިދިޔަ މަހު 24 ވަނަ ދުވަހު ވަނީ ކުރެންދޫގައި 50 ހައުސިން ޔުނިޓް އަޅަން ބީލަމަށް ހުޅުވާލާފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ވަނީ 7 ރަށެއްގައި ހައުސިން ޔުނިޓްތައް އެޅުމުގެ މަޝްރޫއުއެއް އިއުލާންކޮށް، އަމަލީ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ހުޅުވާލާފައެވެ.

މިގޮތުން ކުޅުދުއްފުށި ސިޓީގައި 400 ހައުސިން ޔުނިޓް، ލ.ގަމުގައި 100 ރޯހައުސް، ށ.މިލަންދޫގައި 50 ހައުސިން ޔުނިޓް، ގއ.ވިލިނގިލީގައި 50 ހައުސިން ޔުނިޓް އަދި ނ.ހޮޅުދޫގައި 30 ހައުސިން ޔުނިޓްގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ.

މީގެ އިތުރަށް ޅ.ހިންނަވަރުގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓް އަދި މަނަދޫގައި 40 ހައުސިން ޔުނިޓް އަޅާދޭނެ ބަޔަކު ހޯދުމަށް އިއުލާން ކުރިއެވެ.

އަތޮޅުތަކުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 1.5 ބިލިއަން ރުފިޔާ ހަރަދުކުރަން ދައުލަތުގެ މިއަހަރުގެ ބަޖެޓުން ވަނީ ހާއްސަކޮށްފައެވެ.