ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ކ. މާފުށީގެ ޖަލުގައި ތިބި ގައިދީންނާއެކު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ރޯދަ ވީއްލުމެއްގައި ބައިވެރިވެވަޑައިގެންފިއެވެ.

ހޯމް މިނިސްޓްރީގެ ވެބްސައިޓެއްގައި ޝާއިއުކުރި ހަބަރެއްގައި ބުނެފައިވާ ގޮތުން، މިނިސްޓަރާއި ސީޕީ ވަނީ ގައިދީންގެ ހާލަތު އޮޅުންފިލުއްވައި، ރަމަޟާން މަހު ގައިދީންގެ ހާލަތު ރަނގަޅުކުރުމަށް ކުރެވޭނީ ކޮން ކަންތައްތަކެއްތޯ އައްސަވާފައެވެ.

ގައިދީންނާއެކު ރޯދަ ވީއްލެވުމަށްފަހު މިނިސްޓަރު ވިދާޅުވި ގޮތުގައި، ގައިދީން އިސްލާހުވެފައިތިބި ބައެއްގެ ގޮތުގައި މުޖުތަމައަށް ނެރުމަށްޓަކައި ސަރުކާރުން އިސްކަމެއްދޭ ކަމަށެވެ.

"ގައިދީން ރަނގަޅު ބައެއްގޮތުގައި އަނބުރާ މުޖުތަމައަށް ނެރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ. އެމަސައްކަތް ހުއްޓާ ނުލާ ކުރަމުން ގެންދާނެ. ގައިދީންނާއެކު މިއަދު ރޯދަވީއްލުމުގެ ތެރެއިން ހޭދަކުރި ވަގުތުތަކަކީ އެކަމަށްވެސް ވިސްނައިގެން ކަންކަން ދެނެގަތުމަށް ބޭއްވި ބައްދަލުވުމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

ހޯމް މިނިސްޓްރީން ބުނީ، މި ރަމަޟާން މަހު ޖަލުގެ އެކި ޔުނިޓްތަކުގައި ތިބި ގައިދީންނާ މިފަދަ ބައްދަލުވުންތައް ކުރިއަށް ގެންގޮސް، އެ މީހުންގެ ހާލު އަހުވާލު ބެލުމަށް ނިންމާފައިވާ ކަމަށެވެ.