ވިދަވިދާ ހުރި ދޯދިތައް އޮބި، އޮއްސުނު އިރާއެކު ކަނު އަނދިރިކަން ދުނިޔެއަށް ވެރިވެއްޖެއެވެ. ގޭގެ ބޮޑުފެންޑާ ތެރެއިން ސިފަވަނީ އާ ދުވަހަކަށް ދުނިޔެ ދޮންކުރަމުން އަންނަ މަންޒަރެވެ. އެކި ދިމަދިމާ ގައި ހަރުކޮށްފައިވާ ތަސްވީރުތަކާއި އެތުރިފައިވާ ރަންރިހީގެ ތަކާއި މެޑަލްތަކުން އެޅިފައިވާ ދަޅައިން މުޅިތަންވަނީ ހުޅުދާންވެފައެވެ. އެ މަންޒަރަށް ގެއްލިފައި އަހަރެންނަށް ހެރެވުނީ ކިހާ އިރެއްވަންދެން ކަމެއްވެސް ނޭނގުނެވެ. ގަޑީގެ ކަށި ނުއަތުން އެނބުރޭނެ ނަމަ ހާދަހާ ރަނގަޅޭ ހިތަށް އަރައެވެ. ނަމަވެސް ފާއިތުވެދިޔަ ދުވަސްތަކުން އަހަރެންނަށް ކުރާނީ ކޮން ފައިދާ އެއް ހެއްޔެވެ؟ މާޒީގެ ފީތާތައް ފިލްމެއްގެ ސިފައިގައި ފެންނަން ފެށިއެވެ.
އެއީ މީގެ ދެއަހަރު ކުރިއެވެ. އަހަރެންގެ ދަރިފުޅު ޝައިހާނަކީ އެންމެ ކުޑައިރުން ފެށިގެން ސްކޫލުގައި ބޭއްވޭ ކޮންމެ އިތުރު ހަރަކާތަކުން އަހަރެންގެ ހިތް އުފަލުން ފޮޅޭފަދަ ނަތީޖާތައް ހޯދަމުންދާ ކުއްޖެކެވެ. ކިޔެވުމަށް ބަލާއިރުވެސް މުޅި ސްކޫލުގައިވެސް އެފަދަ ދެވަނަ އެއްނެތް ރަންތަރިއެކެވެ. އާނއެކެވެ. ޝައިހާން ވީ އަހަރެންގެ ބަނަވެފައިވާ ހަޔާތަށް އަލިކަމެއް ގެނުވި ކުއްޖަކަށެވެ. ޝައިހާން މި ދުނިޔެ އަށް ނޭވާލުމުގެ ޚަބަރާއެކު އަހަރެންގެ ކަންފަތަށް ދެން އިވިގެން ދިޔައީ ހީވެސް ނުކުރާފަދަ ފުން ހިތާމަވެރި ހަބަރެކެވެ. ބައްޕަގެ ކުލުނެއް ލޮއިތްބެއް ޝައިހާން އަށް ނުދެވި މި ފަނާކުރުވަނިވި ދުނިޔެ އާއި ޝާހިލް އަލްވަދާއު ކީއެވެ. ޝައިން ހަނދާނުގައި ނިމިދާނެނަމައޭ ހިތައް އަރައެވެ. ނަމަވެސް ޝައިން އަހަރެންނާ ވަކިވަމުން ހަވާލުކުރި އަމާނާތައް ރައްކާތެރިވާން ޖެހޭނެއެވެ. އަހަރެންގެ ދަރިފުޅަށްޓަކައި ކެތްކުރުމުން އޭގެ ނަތީޖާ މާމުޔަށްވުރެ ފޮންޏެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުނެވެ. ސްކޫލަށް ދިޔަ ފުރަތަމަ ދުވަހު ކިޔެވުން ނިންމާލުމަށްފަހު ގެޔަށް އައިސް ޝައިހާން އަހަރެން ގާތު ދެއްކީ ކުލާހަށް އައި އައު ކުއްޖަކުގެ ވާހަކައެވެ. އަހަރެންނަށް އެކުއްޖާ ފެނުމުގެ ކުރިން އެކުއްޖާގެ ސިފަ ރީއްޗަށް ދަސްކޮށްދިނެވެ. ދުވަހަކަށް ފަހު ދުވަހެއް ނިމިގެން ގޮސް މި އަހަރުގެ ހުރިހާ ހަރަކާތެއްގެ ނަތީޖާ ފާޅުކުރާ ދުވަސް އަތުވެއްޖެއެވެ. އަހަރެންގެ ހިތުގައި ރަސްކަން ކުރާ އުފާވެރިކަން މޫނުމަތިން ފެންނަ ކޮންމެ މީހަކަށްވެސް ހާމަވާނެއެވެ. ރަންވަނަތައް ދޭން ފެށި ވަގުތު އަހަރެންގެ ހިތް ފިނިފެންމަލެއްހެން މޯޅިވިއެވެ. މި އަހަރުގެ އެންމެ މޮޅު ކުއްޖަކަށްވީ ޝައިހާން ކުލާހަށް އަލަށް އައި ކުއްޖާ ޝުހާ އެވެ. އަހަރެންގެ ދަރިފުޅަށް ލިބުނީ ދެވަނައެވެ. ނަމަވެސް ދަރިފުޅުގެ މޫނުމަތީގައި ވަނީ ނުފިލާ ހިނިތުންވުމެކެވެ. އޭގެ ބަދަލުގައި އަހަރެންގެ ހިތުގައި ރޯވަމުންދިޔައީ ހަސަދައިގެ އަލިފާނެވެ. އަހަރެން ހީކުރީ ޝައިހާން ގެ ޝަކުވާތައް ބަންޑުކޮށްލާނެ ކަމަށެވެ. ނަމަވެސް ކަންތައް ވީ މިއާ ހިލާފަށެވެ. އަހަރެންގެ ވިސްނުންވެސް އެއްކޮށް ބަދަލުވިއެވެ.
އަހަރެންނަށް އުފާވެރިކަން ލިބެން އޮތީ އެންމެ ކަމަކުންނެވެ. އެންމެ ސިކުންތުކޮޅެއްވެސް ލަސްނުކޮށް އަހަރެން ދިޔައީ ރަށުގައި ސިހުރުވެރި ކަމުގެ ވިޔަފާރި ކުރަމުންދާ ހުސެންފުޅު ކާރިއަށެވެ. " އަން! މީތި ކާލާފަ އެކުއްޖާ އާ ހަތަރުކަޅި ހަމަކޮށްލާ. އޭރުން ހުރިހާ ކަމެއް ފުރިހަމަވާނެ! " އަހަރެންގެ އަތަށް ހުނގޫ ކޮޅެއް ލައި ދެމުން ހުސެންފުޅު ބުނެލިއެވެ. އަހަރެންވެސް ހުސެންފުޅު ގާތު އާދޭސްކޮށްގެން ސިހުރު ހަދަން ދަސްކުރީމެވެ. ސިހުރުވެރިއަކަށްވީ އެއްވެސް ކަހަލަ ވިސްނުމެއް ފިކުރެއް ނެތިއެވެ. ޝަޢިތާނުންނަށް ސަޖިދަ ޖެހީމެވެ. އޭގެ ފަހުން އަހަރެން ހުރީ ޝުހާ އާ ބައްދަލުވާނެ ކަމުގެ އުންމީދުގައެވެ. އަހަރެންނަށް އުފާވެރި ހަބަރެއް ލިބުނެވެ. ބެލެނިވެރިންގެ ދުވަހުގެ ހާއްސަ ސްޕީޗް ކިޔަން ޖެހުނީ ޝުހާއަށް ކަމަށް ޝައިހާންގެ ކުލާހު ކުއްޖެއް ކަމަށްވާ އަނާ ގެ ފަރާތުން އެނގުނެވެ.
ހާއްސަ އެސެމްބްލީ ޝަރަފުވެރި ކުރެއްވުމަށްފަހު ސްކޫލް ދަރިވަރުންގެ ފަރާތުން ވާހަކަ ދައްކާ ކުއްޖާ އައުމަށް ދަޢުވަތު ދިން ވަގުތު ހުނގޫކޮޅު ދިރުވާލުމަށްފަހު އަހަރެން ޝުހާ އާ ހަތަރުކަޅި ހަމަކޮށްލުމަށް ތައްޔާރުވީ ވަގުތު ސްޓޭޖް މަތީ ހުރީ އަހަރެންގެ ދަރިފުޅު ޝައިހާނެވެ. އަހަރެންނަށް ހަތަރުކަޅި ހަމަކޮށްލެވުމަށްފަހު ފަނަރަ ސިކުންތުނުވެ ޝައިހާން ހޭނެތިގެން ވެއްޓުނެވެ. އަހަރެންނަށް ހަޅޭއްލަވައިގަތުމަށްފަހު ދުއްވައި ގަނެވުނީ ވީގޮތް އެނގި ހިތަށްކުރި ފުންއަސަރެއްގެ ސަބަބުންނެވެ. ޝައިހާން އުޅުނީ އަހަރެން ގާތު ނުބުނެ އަހަރެން އުފާކޮށްލަދިނުމަށެވެ. ނަމަވެސް ދުނިޔެ މިކަމަކަށް ތަނެއް ނުދިނެވެ.
މޫނަށް ފެންފޮދެއް ބުރުއްސާލުމާއެކު ޝައިހާން ތެދުވެ އަމިއްލަ ހަށިގަނޑުގައި ވަކި ދަމަންފެށިއެވެ. އަހަރެންގެ ލޯ ކަރުނުން ފުރިއްޖެއެވެ. އަހަރެންގެ ހަޔާތް ބަނަވެއްޖެއެވެ. ގެނބެމުންދާ މީހަކަށް ނޭވާލުން ބޭނުންވާ ފަދައިން އަހަރެންގެ ދަރިފުޅަށް ސަލާމާތްތެރިކަން ލިބެން ބޭނުންވެއެވެ. އަނިޔާވެރި ޢަމަލުތަކުން ސަލާމަތް ކޮށްދޭން ބޭނުންވެއެވެ. ނަމަވެސް މިއީ އަހަރެން އަމިއްލަ އަށް ލިބިގެން ބަދުނަސީބެކެވެ. ސިހުރުގެ ޝިކާރައަކަށް ކުށެއްނެތް ދަރިފުޅު ހެދީ އަހަރެންގެ އަމިއްލަ ދެއަތުންނެވެ. ކޮންމެ ދުވަހަކު އެ ދަރިފުޅު އަމިއްލަ އިޚްތިޔާރެއްނެތި އަމިއްލަ ހަށިގަނޑަށް ކުރަމުން ދިޔަ އަނިޔާތައް ދެކެން އަހަރެންނަކަށް ކެތެއްނުވެއެވެ. މިހާރު އެދަރިފުޅުގެ ހަޔާތުގައި ބާކީ ހެލިލަ ހެލިލާއިން ފަތް ވެއްޓޭން އުޅޭކަމުގެ އިހުސާސް އަހަރެންނަށް ކުރެވެއެވެ. އަހަރެންގެ އަމިއްލަ ނަފްސަށްވެސް މާފެއް ނުދެވޭނެއެވެ. އަހަރެންވަނީ މާފަށްވެރެ ދުރުގައެވެ.
ކުއްލިއަކަށް ހިޔާލުތަކުން ބޭރުވީ އަހަރެންގެ ނަމުން ބޮޑުދައިތަ ރީޝާ ގޮވާލުމުންނެވެ. ދަތްދޮޅި އާ ހިސާބަށް ފައިބަމުން ދިޔަ ކަރުނަތައް ފޮހެލުމަށްފަހު ކޮންމެ ދުވަހެކޭވެސް އެއްފަދައިން އަހަރެންގެ ދަރިފުޅު ޝައިހާން ގެ މަހާނަ ކައިރިއަށް ހިނގައިގަތީމެވެ. އަހަރެންގެ ދުޢާ އަކީ ލޯބިވާ ފިރިމީހާއަށާއި، ދަރިފުޅަށް ސުވަރުގެ މިންވަރު ކުރެއްވުމެވެ.