ކިންގް ސަލްމާން މިސްކިތް ހުންނަ ސަރަހައްދުގައި ޕާކިން ޒޯން ހެދުމަށް ސަރުކާރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށް، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިއްޔެ ނަމާދު ކުރުމަށް ސަލްމާން މިސްކިތް ހުޅުވާފައިވާއިރު، އިއްޔެގެ ހުކުރު ނަމާދުގެ ޖަމާއަތަށް ގިނަ މީހުން ދިޔައެވެ. ނަމަވެސް ޕާކިން ޒޯނުގައި ޖާގަ ނެތުމުގެ ސަބަބުން ގިނަ މީހުން ސައިކަލުތައް ޕާކްކުރަން ޖެހުނީ ސަލްމާން މިސްކިތުގެ އިރުމަތިން އާޓިފިޝަލް ބީޗާ ވީ ފަޅީގައެވެ. ސޯޝަލް މީޑިއާގައިވެސް ބައެއް މީހުން ފޮޓޯ އާންމުކުރިއެވެ.

މިކަމާ ގުޅިގެން ސިޓީ ކައުންސިލާ އިއްޔެ ގުޅުމުން ފޯނަށް ޖަވާބުދީފައެއް ނުވެއެވެ.

ނަމަވެސް އެ މައްސަލައާ ގުޅިގެން މުއިއްޒު މިއަދު ވިދާޅުވީ، ސަލްމާން މިސްކިތުގެ ސަރަހައްދުގައި ހުރި ސޯމިލް ހުސްކޮށް ޕާކިން ޒޯނެއް ހަދަން މަސައްކަތް ފަށަން އުޅުނު ނަމަވެސް ސަރުކާރުން އެކަމަށް އެއްވެސް އެއްބާރުލުމެއް ނުދޭ ކަމަށެވެ. އަދި ސަލްމާން މިސްކިތް ބަލަހައްޓަމުން ދަނީ ސަރުކާރުން ކަމަށާއި، މިސްކިތްތައް ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވަނީ ކައުންސިލާ ކަމަށްވީ ނަމަވެސް، އެ މިސްކިތް ކައުންސިލާ ހަވާލުނުކުރާ ކަމަށްވެސް މޭޔަރު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ގާތްގަނޑަކަށް 370 މިލިއަން ރުފިޔާ ހޭދަކޮށްގެން ހެދި ސަލްމާން މިސްކިތަކީ ޖުމްލަ ފަސް ފަންގިފިލާއެއް ހިމެނޭ ގޮތަށް ގުރްއާނާ ބެހޭ މަރުކަޒަކާއި ކުތުބުހާނާއަކާއި ކްލާސްރޫމް ތަކެއްގެ އިތުރުން ޖަލްސާކުރާ މާލަމެއް ހިމެނޭ 41500 އަކަފޫޓުގެ ބޮޑު މިސްކިތެކެވެ. އެ މިސްކިތުގެ ފުރަތަމަ ދެ ފަންގިފިލާ ހާއްސަކޮށްފައިވަނީ ނަމާދު ކުރުމަށެވެ.

ސަލްމާން މިސްކިތުގެ އެތެރޭގައި 4،000 މީހުންނަށް ނަމާދު ކުރެވޭއިރު، އެ މިސްކިތުގެ ގޯތިތެރެއާ އެއްކޮށް 9،000 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށް ސަރުކާރުން ބުންޏެވެ.