މާލޭގެ މަގުތަކުގެ ހުރިހާ ސްޕީޑް ބްރޭކަރުތަކާއި ރޭމްޕްތަކުގެ ކުލަ އާކޮށް ނިމިއްޖެއެވެ.

ސިޓީ ކައުންސިލުން ބުނީ ސްޕީޑް ބްރޭކަރުތަކުގެ ކުލަ އާކުރުމުގެ މަސައްކަތުގެ ތެރެއިން އަލަށް ހެދުނު ސްޕީޑް ބްރޭކަރުތައް ހިމަނައިގެން 323 ސްޕީޑް ބްރޭކަރުގައި ކުލަ އާކޮށް ނިމިފައިވާ ކަމަށެވެ.

މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ރޭމްޕް ހެދުމުގެ މަސައްކަތުގެ ދަށުން، ބައެއް ރޭމްޕްތައް އާކޮށް، އާ ރޭމްޕްތަކެއް ހަދާފައިވެއެވެ.

އެގޮތުން މި ދައުރު ފެށުނު ފަހުން މިއަދާ ހަމައަށް 103 ރޭމްޕް މުޅިން އަލަށް ހެދިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

ސްޕީޑް ބްރޭކަރުތަކުގައި ކައުންސިލުން ކުލަ އާކުރުމުގެ މަސައްކަތް ކޮށްފައިވަނީ މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާގެ މެންބަރު އާމިނަތު އީމާން، ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ނިޔާވުމާ ގުޅިގެންނެވެ.