ސްރީލަންކާގެ މަސްރަހު ގޯސްވެ، ސަލާމަތީ ހިދުމަތްދޭ ފަރާތްތަކާއި އާންމުން ކުރިމަތިލަމުން ދާ އިރު، އެގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސޭ ކުއްލި ހާލަތު އިއުލާން ކުރައްވައިފިއެވެ.

ލަންކާގެ ހަބަރުތައް ގެނެސްދޭ ޑެއިލީ މިރާއިން ދާދި ދެންމެ ބުނީ، އިއްޔެ ދަންވަރު (އޭޕްރީލް 1، 2022) އިން ފެށިގެން ކުއްލި ހާލަތު އިއުލާން ކޮށްފައި ވާ ކަމަށެވެ.

ގޮތަބަޔާ އެ އަމުރު ނެރުއްވީ، ލަންކާގެ މިހާރުގެ ހާލަތަށް ރިޔާއަތް ކުރައްވާ، މަޝްރަހު އިތުރަށް ގޮށްވިޔަ ނުދެއްވުމަށް ކަމަށްވެސް ބުނެއެވެ. ލަންކާ ހަކަތައަށް ޖެހި ކަރަންޓް ނެތި ގިނަ ވަގުރު ކަނު އަނދިރީގައި ލަންކާ އޮތް އިރު އާންމު ރައްޔިތުން ގެންގުޅޭ ކާބޯތަކެތިވެސް ހަލާކުވެ ބޭނުން ނުކުރެވި އުކާލަމުން ދާއިރު، ރައްޔިތުން ދަނީ ސަރުކާރާ ދެކޮޅަށް އަޑުއުފުލާ ހަމަނުޖެހުން ހިންގަމުންނެވެ.

ރޭ ލަންކާގެ ރައީސްގެ ގެކޮޅު ކުރިމަތީގައި ހިންގި ހަމަނުޖެހުމުގައި ފުލުހުންގެ ބަހެއްގައި ރޯކޮށްލައި ގެކޮޅުގެ ގޭޓުމަތިން އަރަންވެސް މަސައްކަތް ކޮށްފައި ވެއެވެ. ރޭގެ ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް 50 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

ލަންކާގައި އުޅޭ ބައެއް ދިވެހިން އިިއްޔެ "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ އާންމު ހާލަތު ވަރަށް ގޯސް ކަމަށާއި، މި ފެށޭ ރޯދަމަހު ހާލަތު އިތުރަށް ގޯސްވާނެ ކަމަށެވެ.