ދިވެހިރާއްޖެއަށް ޔޫރަޕުގެ އުތުރުގެ ގައުމުތަކުގެ ދަތުރު ފަތުރު ފަހި ކުރުމަށާއި، ޓޫރިޒަމް ކުރި އެރުވުމަށް ބާރު އެޅުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގުޅިގެން މިދިޔަ މަހުގެ 26 ގައި ކްރައުން ޕްލާޒާގައި މޯލްޑިވިއަން އިންވެސްޓްމެންޓް އެންޑް ކަނެކްޓީވިޓީ އިވެންޓެއް ބާއްވައިފިއެވެ.

ބެލްގްރޭޑް ފެއާގެ ހަވާސާގައި ބޭއްވުނު މި އިވެންޓުގައި ރާއްޖޭގެ ގެސްޓް ހައުސް އެސޯސިއޭޝަންއާއި، މޯލްޑިވްސް ޓޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާއި މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާއި ފްލައި މީ އަދި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން ބައިވެރިވިއެވެ.

މި އިވެންޓުގައި ސާބިއާގެ ޓްރެވަލް ޓްރޭޑް އާއި ޔޫޓާނޭޝަނަލް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންސީސް އޮފް ސާބިއާ މެންބަރުންނާއި، ޓްރެވަލް މީޑިއާ އާއި ފޮރިން މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އާއި މޮއި މޯލްޑީވީގެ އިސް އޮފިޝަލުން ބައިވެރިވެޑައިގަތެވެ.

މި ހަފްލާގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ ވާހަކަ ދެއްކެވުމާއި، ރާއްޖޭގެ ވަފްދު ތައާރަފްކޮށް ދިނުން އަދި ރަންޔޫބީލް ލަވަ ދައްކާލުމާއި ރާއްޖެ އާއި ގުޅޭ މައުލޫމާތު ހިއްސާ ކުރުން އޮތެވެ.

ސާބިއާ އިން ރާއްޖެއަށް މިދިޔަ އަހަރު 4712 ފަތުރުވެރިން ޒިޔާރައްކޮށްފައި ވެއެވެ. އަދި މި އަހަރުގެ މިހާތަނަށް ސާބިއާއިން 1274 ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވެއެވެ.