އއ. މާޅޮސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.

އެމްޓީސީސީއިން ބުނީ އެ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފާ ވަނީ މިއަދު ކަމަށެވެ. އަދި ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މާޅޮހު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، 24،335 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި 394 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި ހިމެނެއެވެ.

މީގެ އިތުރުން 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 56 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި 1970 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ރޭމްޕެއް ހެދުމުގެ އިތުރުން ބަނދަރު ބައްތި ހަރުކުރުމުގެ މަަަސައްކަތް އެ މަޝްރޫއުގެ ދަށުން ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 56.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.