ހިޔާ މަޝްރޫއުގެ ދަށުން އެމްޑަބްލިއުއެސްސީން އަޅާ ފްލެޓްތައް އަންނަ މޭ މަހު ނިމި، ޖޫން މަހު ހަވާލުކުރަން ފަށާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

އެމްޑަބްލިއުއެސްސީއަށް 27 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އަހްމަދިއްޔާ ސްކޫލް ކުރިމަތީގައި އޮންނަ ޓާފް ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ، މޭ މަހު ހުރިހާ މަސައްކަތެއް ނިމޭނެ ކަމަށާއި، ފުރަތަމަ ޓަވަރުގެ 95 ޕަސެންޓު މަސައްކަތް ވަނީ މިހާރު ނިމިފައި ކަމަށެވެ.

އެ ފްލެޓްތަކަށް ކުރިމަތިލުމަށް އިތުރު ފުރުސަތެއް ހުޅުވާލުމަށް ނިންމާފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް ނުދެއްވައެވެ.

އެމްޑަބްލިއުއެސްސީން އިމާރާތްކުރާ ހިޔާ ޓަވަރުގައި 192 ފްލެޓް ހިމެނޭއިރު، އޭގެ ތެރެއިން 156 މުވައްޒަފަކަށް ފްލެޓްތައް ދިނުމަށް ވަނީ ނިންމާފައެވެ. އެމްޑަބްލިއުއެސްސީގެ ފްލެޓްތަކުގެ އަގުތަކަށް ބަލާއިރު، އެއް ކޮޓަރީގެ އެޕާޓްމަންޓެއް އުޅެނީ 1.2 މިލިއަން ރުފިޔާއާއި 1.3 މިލިއަން ރުފިޔާ އާ ދެމެދުގެ އަގަކަށެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓެއް 1.9 މިލިއަން ރުފިޔާއާއި 2.2 މިލިއަން ރުފިޔާ އާ ދެމެދުގެ އަގަކަށް އުޅޭއިރު، ތިން ކޮޓަރީގެ އެޕާޓްމަންޓެއް އުޅެނީ 2.4 މިލިއަން ރުފިޔާ އާއި 2.6 މިލިއަން ރުފިޔާ އާ ދެމެދުގެ އަގަކަށެވެ.