ރިސޯޓެއްގެ ގޮތުގައި ވ. އާރަށް ތަރައްގީ ކުރުމަށްޓަކައި ކުންފުންޏަކަށް ވިއްކާލައިގެން ލިބުނު ފައިސާ އަމިއްލަ އެކައުންޓަށް ޖަމާ ކުރެއްވި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދެ ދައުވާއިން ދިފާއުވުމަށް އެމަނިކުފާނުގެ ފަރާތުން 18 ހެއްކެއް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދެ ދައުވާއެވެ. ޔާމީންގެ މައްޗަށް ދައުލަތުން މި ދެ ދައުވާ އުފުލާފައިވަނީ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް އާރަށް ދޫކުރުމުގެ ތެރެއިން އޭނާގެ އަތުން އެއް މިލިއަން ޑޮލަރުގެ ރިޝްވަތެއް ނެންގެވި ކަމަށާއި، އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ބުނެއެވެ.
އެ މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދެ ދައުވާއެވެ. ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ދައުވާއެވެ.
މީގެ ކުރީ އަޑުއެހުންތަކުގައި ދައުލަތުން ދައުވާތައް އިއްވުމުން، ޔާމީނާއި ޔޫސުފް ނައީމް ދައުވާތަކަށް އިންކާރު ކުރައްވާފައިވެއެވެ. އެހެންވެ އެ ދައުވާތައް ސާބިތުކުރުމަށް ދައުލަތުން ހެކި ހުށަހަޅާފައިވެއެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދެ ބޭފުޅުންނަށްވެސް ދިފާއީ ހެކި ހުށަހަޅަން ފަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. އެހެންވެ މިއަދުގެ އަޑުއެހުމުގައި ދެ ބޭފުޅުންވެސް ވަނީ ހެކި ހުށަހަޅުއްވާފައެވެ.
އެގޮތުން ޔާމީންގެ ފަރާތުން 18 ހެއްކެއް ހުށަހެޅުއްވިއިރު، ޔޫސުފް ނައީމްގެ ފަރާތުން 16 ހެއްކެއް ހުށަހަޅުއްވާފައިވެއެވެ. ނަމަވެސް އެ ހެކިތަކުގެ ތަފްސީލެއް ދެ ބޭފުޅުންގެ ފަރާތުންވެސް ނުދެއްވައެވެ. ޔާމީންގެ ދިފާއީ ވަކީލުން ވިދާޅުވީ ހެކީގެ ތަފްސީލް ދެއްވާފައި ނުވަނީ ހެކީގެ ތަފްސީލްތައް ލިއުމުން ހުށަހަޅާފައިވާތީ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވަނީ މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދެވޭނެތޯ މައްސަލަ ބައްލަވާ އިސްގާޒީ އަހްމަދު ޝަކީލް ނިންމެވުމުގެ ކުރިން އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން ދެ ފަރާތަށްވެސް ފުރުސަތު ދިނުމަށް އެދިވަޑައިގެންފައެވެ.
އެހެންވެ، އެކަމާ ގުޅޭގޮތުން ފަހުން އަޑުއެހުމެއް ބާއްވަން ޝަކީލް ވަނީ ނިންމަވާފައެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ލައިވްކުރަން ޔާމީންގެ ފަރާތްޕުޅުން ކޯޓުގައި އެދިފައިވާ އެދުން އެމަނިކުފާނުގެ ވަކީލުން ވަނީ މީގެ ކުރިން ތަކުރާރު ކުރައްވާފައެވެ. ޝަކީލް އޭރު ވިދާޅުވި ގޮތުގައި ޝަރީއަތް ލައިވް ނުކުރެވި އޮތީ ކޯޓުގައި އެކަމަށް ބޭނުންވާ މުވައްޒަފުން ނެތުމުންނެވެ. ނަމަވެސް އިބްތިދާއީ މަރުހަލާ ނިމި، ޝަރީއަތުގެ މަރުހަލާ ފެށޭއިރު ލައިވް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ
މީގެ އިތުރުން ފުއްގިރީގެ މައްސަލާގައިވެސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އެ މައްސަލައިގާ އުފުލާފައިވަނީ އެ ރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރެއްވުމުގެ ދައުވާއެވެ.
ފުއްގިރި އާއި އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއަށް ހުކުމް އިއްވުން ޖޫން މަހުގެ 30 އަށް ވަނީ އަވަސް ކޮށްފައެވެ.