ރ. ފުއްގިރި ކުއްޔަށް ނެގުމުގެ މުއާމަލާތުގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗައް އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރެއްވުމުގެ ދައުވާ ކޯޓުގައި އޮއްވާ އެރަށް ވިއްކާލުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ފަށައިފިއެވެ.
މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް މިނިސްޓްރީއިން ކުއްޔަށްދޫކޮށްފައިވާ ފުއްގިރި ކުއްޔަށް ދިނުމާބެހޭ ލީސް އެގްރީމަންޓްގެ ދަށުން، އެ ރަށް ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ހައްގުތައް، އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅުއްވާފައިވާ ކަމަށެވެ.
މިގޮތުން އެ ރަށާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްފަރާތެއް ވާނަމަ މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި އޮފީސް ބަންދުކުރުމުގެ ކުރިން، މިމިނިސްޓްރީއަށް ލިޔުމަކުން ނުވަތަ އީމެއިލް މެދުވެރިކޮށް އެންގުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
ފުއްގިރި މައްސަލައިގައި، ޕެންޑޯރާ ޕޭޕާޒް ބުނާ ގޮތުގައި ފުއްގިރި އާއި އަދި އިތުރު ފަޅެއްގެ މުއާމަލާތް ވަނީ ރައީސް އަބްދުﷲ ޔާމީނަށް ބައިއެޅޭ ގޮތަށް ހިންގާފައެވެ. އޭގެ ތެރެއިން ފަޅުގެ މުއާމަލާތުގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓީންގެ ކުރީގެ ޑެޕިއުޓީ އެޑްވައިޒަރަކާއި އިތުރު އޮފިޝަލުންނާ ގުޅިފައި ވާކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ.
ފުއްގިރީ ގަތުމުގެ މުގާބިލުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީނަށް ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު އިންޑިއާގެ ވިޔަފާރިވެރިއަކު ދިން ކަމަށް ބުނެއެވެ.
ފުއްގިރިއަކީ ބީލަމަކާ ނުލައި 2015 އަހަރު ދުބާއީގެ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންސްއަށް 1.55 މިލިއަން ޑޮލަރަށް ވިއްކާލި ރަށެކެވެ. ކްލެސިކް ސިޓީ އަކީ އިންޑިއާގެ ފޮރިން އެކްސްޗޭންގް ގާނޫނާ ހިލާފަށް މަނީލޯންޑާ ކުރުމުގެ ތުހުމަތު އޮންނަ އިންޑިއާގެ ވިޔފާރިވެރިއް ކަމުގައިވާ އަވީނާޝް ބޯޝާލް އާއި އިންޑިއާގެ ޕޫނޭގައި ނުފޫޒުގަދަ ވިޔަފާރިވެރިއަކާއި އަމިތް ކްމާރު ގާނދީ ނަމަކަށް ކިޔާ ވިޔަފާރިވެރިއަކު ހިއްސާވާ ކުންފުންޏެކެވެ.
ޕެންޑޯރާ ޕޭޕާސް އިން ބުނާ ގޮތުން ރައީސް ޔާމީނުގެ ވެރިކަމުގައި ރާއްޖޭގެ ގިނަ ރަށްތަކެއް ގާނޫނާއި ގަވާއިދާ ހިލާފަށް ވިއްކާ ހަދާފައި ވާ ކަމަށާއި އޭގެ ތެރެއިން ރައީސް ޔާމީނާ ސީދާ ގުޅުން ހުރިކަމަށް ފެންނަން ހުރީ މަދު މުއާމަލާތްތަކެއް ކަމަށް ބުނެފައި ވެއެވެ.
ފުއްގިރި އަކީ އެފަދަ އެއް ރަށް ކަމަށާއި، އެރަށުގެ ލީސް ބަދަލު ކުރަން 1.1 މިލިއަން ޑޮލަރުގެ ރިޝްވަތު ދިނީ ބްރިޓިޝް ވާޖިން އައިލެންޑްސް ގައި ރަޖިސްޓާ ކޮށްފައިވާ އޭއެންޑްއޭ ހޯލްޑިންގްސް ގްރޫޕް ލިމިޓެޑު ކިޔާ ކުންފުންޏަކުން ކަމަށާއި އެ ފައިސާ ދިނީ ރައީސް ޔާމީނުގެ ގާތް ބޭފުޅަކަށް ކަމަށްވެސް ބުނެފައިވެއެވެ. އަދި ފަހުން އެ ފައިސާ ރައީސް ޔާމީނަށް ލިބުނު ކަމަށް އެ ޕޭޕަރުގައި ބުނެފައިވެއެވެ.