11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގްރޫމްކުރުވައިގެން މާލޭ ގެސްޓްހައުސްއަކަށް އެކުއްޖާ ގެންގޮސް، އެކުއްޖާއަށް ޖިންސީ ގޯނާ ކުރި ތުހުމަތުގައި ހައްޔަރު ކުރި ހއ. ބާރަށް، ސިލްސިލާގެ، އަނީސް ހިލްމީގެ މައްޗަށް އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ސާބިތުވެއްޖެ ކަމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނީ، އަނީސް ހިލްމީގެ މައްޗަށް ކޮށްފައިވާ އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއަށް އޭނާ އިންކާރު ކޮށްފައިވީ ނަމަވެސް، ކުށް ސާބިތު ކުރެވޭ މިންވަރަށް ދައުލަތުން ހެކި ގަރީނާ ޝަރީއަތަށް ހުށަހަޅާފައި ވާ ކަަމަށެވެ. އެހެންކަމުން އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުން އަނީސް ހިލްމީ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، އެ ކުށުގެ އުގޫބާތެއްގެ ގޮތުން އަނީސް އެއް މަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމް ކުރި ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.

އަނީސް ހައްޔަރު ކޮށްފައި ވަނީ ޖޫން 12، 2020 ގައި، 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގްރޫމްކުރުވައިގެން މާލޭ ގެސްޓްހައުސަކަށް ގެންގޮސް އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައި ގައެވެ. އެ މައްސަލައާ ގުޅިގެން އޭނާގެ މޯބައިލް ފޯން އެނަލައިޒް ކުރުމުން އޮރިޔާން މަނަްޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ވަނީ ފެނިފައެވެ.

އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތު ވެފައިވާ އިރު، އަނީސްގެ މައްޗަށް އިތުރު ދެ ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތް ލުމާއި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށްޓަކައި އެ ކުއްޖާ ގްރޫމް ކުރުމުގެ ދައުވާއެވެ.