ސިޔާސީ ހަރަކާތްތަކަށް ހަވާ އަރުވައި ދެވެން ނެތް ކަމަށް ސިފްކޯއިން ބުނެފިއެވެ.

ސިފްކޯ އިން މިހެން ބުނީ، ޅ. ކުރެންދޫގައި ހަވާ އަރުވައިދިނުމަށް އިދިކޮޅު ކޯލިޝަނުން އެދި ހުށަހެޅުމުން އެ ޕާޓީއަށް ޖަވާބު ދެމުންނެވެ. އެގޮތުން އެ ކުންފުނިން ހަވާ އަރުވަން އޮންނަ ހުއްދައިގައި ސިޔާސީ ހަރަކާތްތަކުގައި ހަވާ އެރުވުން ނުހިމެނޭ ކަމަށާއި އެހެންކަމުން ޕީޕީއެމުން އެދިފައިވާ ގޮތަށް ހަވާ އަރުވައިދެވެން ނެތް ކަމަށް ބުނެ، ޕީޕީއެމްގެ އެދުމަށް ސިފްކޯއިން ޖަވާބުދީފައި ވެއެވެ.

ސިފްކޯއިން މީގެ ކުރިން ވެސް ވަނީ ވިޔަފާރި އުސޫލުން އަމިއްލަ ފަރާތްތަކަށް، ހަވާ އަރުވައިދީފައެވެ. އެގޮތުން ކައިވެނި ހަފްލާތަކާ ގުޅިގެން ވެސް މީގެ ކުރިން ވަނީ މާލެގައި ހަވާ އަރުވާފައެވެ. އަދި އެކި ރަސްމިއްޔާތުތަކާއި އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ވެސް މީގެ ކުރިން ވަނީ ހަވާ އަރުވާފައެވެ.

ކުރެންދޫގައި ހަވާ އަރުވން ޕީޕީއެމްުން އެދުނު ކަމަށް ބެލެވެނީ، ދާދި ފަހުން ބޭއްވި ބައި އިލެކްޝަންގައި ކުރެންދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީޕީއެމްގެ ކެންޑިޑޭޓް އިސްމާއިލް މަދީހް ކާމިޔާބު ކުރެއްވުމުންނެވެ. ބައި އިލްކެޝަންގެ މި ގޮނޑި ޕީޕީއެމްގެ ކެންޑިޑޭޓް ކާމިޔާބު ކުރުމުން ޕީޕީއެމްގެ އިސް މެންބަރުން ވަނީ މަރުހަބާ ދަންނަވާފައެވެ. މިއީ ބޮޑު ކާމިޔާބެއްގެ ގޮތުގައި އެ ޕާޓީން ސިފަ ކުރަނީ އެ ބައި އިލެކްޝަންގެ އިންތިހާބާ ދިމާކޮށް ސަރުކާރުން ގިނަ ކަންކަން ކޮށްދިނުމަށް ވައުދުވެ، އަދި ބައެއް މަޝްރޫއު ފައްޓަން އިއުލާން ކޮށްފައި ވަނިކޮށް އެ ޕާޓީއަށް އިންތިހާބު ކާމިޔާބުވުމުން ކަމަށް ބެލެވެއެވެ.