މިދިޔަ ޖެނުއަރީއަށް ވުރެ މިދިޔަ މަހު ކުޑަކުދިންނަށް އިހުމާލުވުމާ ގުޅޭ މައްސަލަތައް ހުށަހެޅުނު އަދަދު އިތުރުވެއްޖެއެވެ.

ޖެންޑާ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު 235 މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 107 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތްތަކުގެ އަނިޔާ އާ ގުޅޭ މައްސަލަތަކެވެ. މިނިސްޓްރީން ބުނިގޮތުގައި ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައިވަނީ އިހުމާލާ ގުޅޭ މައްސަލަތަކެވެ.

އެގޮތުން، ކުޑަކުދިންނަށް އިހުމާލުވުމުގެ 28 މައްސަލައެއް ހުށަހަޅާފައިވާއިރު، އެއީ މިދިޔަ ޖެނުއަރީއަށް ވުރެ އަށް މައްސަލައިގެ އިތުރުވުމެކެވެ. ޖިިންސީ ހާނިއްކައިގެ 23 މައްސަލައަކާއި، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ދެއްކުމުގެ 23 މައްސަލައަކާއި، ޖިސްމާނީ އަދި ނަފްސާނީ ހާނިއްކައިގެ 22 މައްސަލައަކާއި، ބުލީކުރުމުގެ ހަ މައްސަލައެއްގެ އިތުރުން، ކުޑަކުދިން ނަހަމަގޮތުގައި ބޭނުންކުރުމުގެ ހަތަރު މައްސަލައަކާއި، ސިއްހީ ފަރުވާއަށް ހުރަސް އެޅުމުގެ މައްސަލައެއް ހުށަހަޅާފައިވެއެވެ.

ހަމަ އެއާއެކު، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ 58 މައްސަލައެއް މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނޫ ޖިސްމާނީ ގޮތުން އަނިޔާކުރުމުގެ 25 މައްސަލައަކާއި، ނަފްސާނީ ގޮތުންނާއި އަނގަބަހުން އަނިޔާކުރުމުގެ 24 މައްސަލައަކާއި، އާމްދަނީ ހޯދުމަށް ހުރަސްއެޅުމުގެ ހަތަރު މައްސަލައެއްގެ އިތުރުން، ބިރު ދެއްކުމުގެ ދެ މައްސަލައަކާއި، ޖިންސީ ހާނިއްކައާއި، ފާޜަލުމާއި، އިހުމާލު، މިއިން ކޮންމެ ކަމަކުން އެއް މައްސަލައެވެ.

އެއަށްފަހު އާއިލީ 26 މައްސަލައެއް ހުށަހަޅާފައިވާއިރު، ދަރިން ބެލުމުގެ 14 މައްސަލައެއް، ކުދިންނާ ބައްދަލުކުރުމުގެ ނުވަ މައްސަލައެއް، އަދި ދަރިންގެ ހަރަދު ދިނުމުގެ ތިން މައްސަލައެއް ހުށަހަޅާފައިވާއިރު، އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 16 މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާ އާ ގުޅޭ މައްސަލަތައް ހުށަހެޅިފައިވާ އަދަދު މިދިޔަ ދެ މަހު އެއްވަރެއްގައި ހިފެހެއްޓިފައިވީ ނަމަވެސް، ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިއްކައާއި އެ ކުދިންނާ މެދު އިހުމާލުވުމުގެ މައްސަލަތައް މިދިޔަ މަހު ވަނީ އިތުރުވެފައެވެ.