މި ފެށޭ ރަމަޟާން މަހުގައި ފިތުރު ޒަކާތް އޮންލައިންކޮށް ދައްކާ މީހުންނަށް ބޭނުންވާ ރަށެއް އިހްތިޔާރުކުރުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ދީފިއެވެ.

މިދިޔަ އަހަރާ ހަމައަށް އޮންލައިންކޮށް ފިތުރު ޒަކާތް ދައްކަމުން ގޮސްފައިވާއިރު، އާންމުންނަށް ރަށް އިހްތިޔާރުކުރުމުގެ ފުރުސަތެއް ދީފައެއް ނުވެއެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ޕްރެސް ބްރީފިންގައި މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވީ، ކުރިއެކޭ އެއްގޮތަށް މިއަހަރުވެސް އޮންލައިންކޮށް އަދި އެސްއެމްއެސް މެދުވެރިކޮށް ފިތުރު ޒަކާތް ބަލައިގަންނައިރު، މި އަހަރު ރަށް އިހްތިޔާރުކުރުމުގެ ފުރުސަތު އޮންލައިންކޮށް ޒަކާތް ދައްކާ ފަރާތްތަކަށް ލިބިގެން ދާނެ ކަމަށެވެ.

ހަމަ އެއާއެކުއޮންލައިންކޮށް ފިތުރު ޒަކާތް ދައްކާ ފަރާތްތަކަށް ރަށް އިހްތިޔާރުކުރުމުގެ ފުރުސަތު ލިބިގެން ދާއިރު، އެ އިހްތިޔާރުކުރާ ރަށަކަށް ފިތުރު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ފޯރުކޮށްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޮންލައިންކޮށް ފިތުރު ޒަކާތް ދައްކާ ފަރާތްތަކުން ތިރީގައިވާ ހިދުމަތްތައް މެދުވެރިކޮށް ޒަކާތް ދެއްކޭނެއެވެ.

  • އުރީދޫ އެމް-ފައިސާ
  • ދިރާގު ޕޭ
  • މޯލްޑިވްސް އިސްލާމިކް ބޭންކް
  • ބޭންކް އޮފް މޯލްޑިވްސް
  • ފަހިޕޭ

އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަތުމުގެ އިތުރުން، ކުރިންވެސް ބަލައިގަންނަ ގޮތަށް އިސްލާމީ މަރުކަޒުގެ ހޯލުން މުދަލާއި ފައިސާ، އަދި ދަނޑު ގޮވާމުންވެސް ފިތުރު ޒަކާތް ބަލައިގަންނާނެއެވެ. އަންނަ ރަމަޟާން މަހުގެ ދެވަނަ ދުވަހުން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނައިރު، ދަނޑު ގޮވާމުން ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.

މީގެ ކުރިން ކޮންމެ ރަށަކުންވެސް ފިތުރު ޒަކާތް ބަލައިގަންނަމުން ދިޔައީ ތަފާތު ރޭޓުންނެވެ. ނަމަވެސް މިއަހަރު ހުރިހާ ރަށަކުންވެސް ފިތުރު ޒަކާތް ބަލައިގަންނާނީ ކަނޑައެޅިފައިވާ އެއް ރޭޓުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއަހަރު ފައިސާއިން ނަމަ ފިތުރު ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ:

  • އާދައިގެ ހަނޑޫ: 12ރ
  • ތައިލެންޑް ހުދު ހަނޑޫ: 77ރ
  • ރަތް ހަނޑޫ 72ރ ބާސްމަތިީ ހަނޑޫ (އާދައިގެ): 77ރ
  • ބާސްމަތީ ހަނޑޫ (މޮޅު): 90ރ
  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 132ރ
  • އާދައިގެ ފުށް: 12ރ
  • އާޓާ ފުށް: 75

ފަގީރުންގެ ދަފްތަރުގައި 9،000 އަށް ވުރެ ގިނަ މީހުން އެބަތިބި

މިނިސްޓަރު ވިދާޅުވީ، މި ހިނގާ ދިވެހި އަހަރުގެ ފަގީރުންގެ ދަފްތަރު އެކުލަވާލައި ނިމުނުއިރު 9،041 މީހުން އެ ދަފްތަރުގައި ހިމެނޭ ކަމަށެވެ. އެއީ:

  • ރަށްރަށުން: 7،245 މީހުން
  • މާލެ ސަރަހައްދުން: 1،796 މީހުން

މިނިސްޓަރު ވިދާޅުވި ގޮތުގައި މިއަހަރު 42 ރަށެއްގައި އެއްވެސް ފަގީރެއް ނެތް އިރު، މިދިޔަ އަހަރު 45 ރަށެއްގައި އެއްވެސް ފަގީރެއް ނެތްކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު އާންމުގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބޮލަކަށް 2.4 ކިލޯ ގެ މިންވަރެވެ.