ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގާއިމުކުރި ރާޑަރު ސިސްޓަމްތައް ސިފައިން އޮޕަރޭޓް ކުރަން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި އަދި މެރިޓައިމް ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންތަކުގެ ބޭނުމުގައި ކޯސްޓަލް ސާވެއިލަންސް ސިސްޓަމެއް ގާއިމް ކޮށްފައިވާ ކަމަށެވެ.

ދެ ފޭސްއަކަށް ބަހާލައިގެން ކުރިއަށް ގެންދެވުނު އެ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 10 ސަރަހައްދެއްގައި ކޯސްޓަލް ރާޑަ ސިސްޓަމް ވަނީ ގާއިމުކޮށްފައެވެ. އެ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެން ދިޔައީ އިންޑިއާ ސަރުކާރުގެ ހިލޭއެހީގެ ދަށުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ރާޑަރު ސްޓޭޝަންތައް މިހާރު އޮޕަރޭޓް ކުރުމުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ކޯސްޓްގާޑްގެ މިކަމަށް ހާއްސަ ތަމްރީން ލިބިފައިވާ ދިވެހި ސިފައިންނެވެ. މި ސިސްޓަމްގެ ސަބަބުން ސިފައިންގެ ގާބިލުކަން އިތުރަށް ފުޅާވެ އަދި ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.