އައްޑޫ ސިޓީ އަށް 194.3 ހެކްޓަރުގެ ބިން އިތުރުކުރުމުގެ މަޝްރޫއު އިންޑިއާގެ ވެން އޫޑް އިންޑިއާ ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފިއެވެ.

މި މަޝްރޫއަކީ އިންޑިޔާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ވެން އޫޑް އިންޑިއާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ 1.3 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫގެ ދަށުން ހިތަދޫ، މަރަދޫ އަދި މަރަދޫ-ފޭދޫއަށް ބިން އިތުރުކުރުމާއި އަދި އައްޑޫ ސިޓީގެ ފަޅުތެރެއިން ފަތުރުވެރިކަމަށް 2 ރަށް އިތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހުޅުދޫ މީދޫއަށް ބިން އިތުރުކުރުމުގެ މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔުމަށް ނިންމާފަައި ވެއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރުން ބާއްވާފައި ވަނީ މިއަދު އައްޑޫ ސިޓީގެ ނެޝަނަލް ކޮލެޖްއޮފް ޕޮލީސިން އެންޑް ލޯ އެންފޯސްމަންޓްގެ އޮޑިޓޯރިއަމް ގައެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ އަހުމަދު ހަމީދެވެ. ވެން އޫޑް އިންޑިއާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޑްރެޖިން، ކޮނީލިއަސް އެޑްރިއާން ޑިބްރުއިންނެވެ.

މި މަޝްރޫގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ.

އައްޑޫގައި ބިން އިތުރު ކުރުމުގެ މަޝްރޫގެ އެއްބަސްވުމުގައި ސޮއިކޮށްފައި މި ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް ވަޑައިގެންފައިވާ އިރު، 4 ދުވަހުގެ މިދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންފައި ވެއެވެ.