އައްޑޫ ސިޓީގައި މިއަދު ހުޅުވި ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ވެގެން ދާނީ ދިވެހި މުޖުތަމައު އަމާންކަމާއި ރައްކާތެރިކަންމަތީ ދެމެހެއްޓުމުގެ ރަމްޒަކަށް ކަމަށް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 2017 ވަނަ އަހަރު އަޅަން ފަށާފައިވާ ފުލުހުންގެ ޓްރޭނިން އެކެޑަމީގެ މަސައްކަތްތައް ނިމި މިއަދު ރަސްމީކޮށް ހުޅުވާފައި ވާއިރު، އެ އެކެޑަމީ ހުޅުއްވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން، އިންޑިއާގެ ފޮރިން މިނިސްޓަރު ޑ. އެސް ޖައިޝަންކަރާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ރަސްމިއްތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ، ފުލުހުންގެ ޓްރޭނިން އެކެޑަމީ ހުޅުވުމުގެ ސަބަބުން، ފުލުހުންދޭ ހިދުމަތްތައް އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށެވެ. އަދި އެ އެކެޑަމީ ވެގެން ދާނީ ފުލުހުން ގައުމަށް ހިދުމަތް ކޮށްދިނުމަށް ތައްޔާރަށް އޮތް މިންވަރާއި، މުޖުތަމައުގެ އަމާންކަން ދެމެހެއްޓުމުގެ ރަމްޒަކަކަށް ކަމަށް ވިދާޅުވިއެވެ.

"މި ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ވެގެންދާނީ މި ސަރުކާރުން ފުލުހުންގެ ހިދުމަތަށް ދޭ އަހައްމިއްޔަތުކަމާއި، ފުލުހުންގެ ހިދުމަތަށް ތައްޔާރަށް އޮތް މިންވަރާއި، އަޅުގަނޑުމެންގެ މުޖުތަމައު އަމާންކަމާއި ރައްކާތެރިކަންމަތީ ދެމެހެއްޓުމުގެ ރަމްޒެއްގެ ގޮތުގައި."
އަބްދުالله ޝާހިދު / ފޮރިން މިނިސްޓަރު

ފުލުހުންގެ ޓްރޭނިން އެކެޑަމީ އިމާރާތް ކޮށްފައި ވަނީ އިންޑިއާއިން ދިން ހިލޭ އެހީއިން ކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވިދާޅުވީ، އެ އެކެޑަމީ ވެގެން ދާނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް 50 އަހަރުވީ ގާތް ގުޅުމުގެ ރަމްޒެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮތް ގުޅުން ސިފަކުރައްވައި، ޝާހިދު މިސާލު ޖެއްސެވީ އުދުހެމުންދާ ދޫންޏެއްގެ މިސާލުންނެވެ.

އެއާއެކު، ޝާހިދު ވަނީ އިންޑިއާއިން ރާއްޖެއަށް ދިން ބައެއް އެހީތައް ފާހަގަ ކުރައްވާފައެވެ. އެގޮތުން ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ނާކާމިޔާބު ކޮށްލުމަށް އިންޑިއާގެ އަސްކަރިއްޔާއިން ފޯރުކޮށްދިން އެހީތެރިކަމާއި، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި އިންޑިއާއިން ދިން އެހީތެރިކަމާއި، ކޮވިޑުގެ ބަލިމަޑުކަމުން ރާއްޖެ އަރައިގަތުމަށްޓަކައި އެގައުމުން ދިން އެހީތެރިކަން ފާހަގަ ކުރައްވާފައި ވެއެވެ. ޝާހިދު ވިދާޅުވި ގޮތުގައި އިންޑިއާއިން ދިޔައީ ރާއްޖޭން އެހީއަށް ބޭނުން ޖެހިފައިވާ ކޮންމެ ވަގުތެއްގައިވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އަދި މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު، އިންޑިއާ އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ދިރުވައި އާލާކޮށްފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެހެންކަމުން، ޝާހިދު ވަނީ ރައީސް ސޯލިހަށް ޝުކުރު ދަންނަވާފައެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތް ކުރި ޕޮލިސް އެކެޑަމީގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެގައުމުގެ ކުންފުންޏެއް ކަމަށްވާ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑަށް، 18 މިލިއަން ޑޮލަރަށެވެ.

މިއަދު ހުޅުވި ޕޮލިސް އެކެޑަމީގައި ހުންނާނެ ވަސީލްތަކުގެ ތެރޭގައި ފެންވަރު ރަނގަޅު އެކޮމެޑޭޝަން ބްލޮކްތަކާއި، މެޑިކަލް ހިދުމަތް ދޭނެ ކްލިނިކާއި، ޕީޓީ ގްރައުންޑާއި، ހެލިޕޭޑާއި، ޓްރެއިނިން ސެންޓަރާއި، 800 މީހުންގެ ޖާގައިގެ ޖިމަކާއި، ފުޓްބޯޅަ ދަނޑަކާއި، ބާސްކެޓް ކޯޓަކާއި، ޓެނިސް ކޯޓާއި، 400 މީޓަރުގެ ޓްރެކާއި، 340 މީހުންގެ އޮޑިޓޯރިއަމަކާއި، 40 ފުލުހުންގެ ޖާގައިގެ އަށް ކްލާސްރޫމް ހިމެނެއެވެ.