މާލޭގެ މާފަންނުގައި ހުންނަ މ. ލަވްނެސްޓުގެ ކޮޓަރިއެއްގެ ތަޅުން ދަށުން 42 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލަ ބަޔަކު ޖައްސާފައިވަނީ އޭނާއަށް ދެރައެއް ދިނުމުގެ ގޮތުން ކަމަށް، އެ މައްސަލާގައި ހައްޔަރުކުރި ޕީއެންސީގެ ކުރީގެ ކައުންސިލް މެންބަރު އަހްމަދު ހުސައިން އިއްޔެ ކޯޓުގައި ބުނެފިއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ބުރާސްފަތި ދުވަހު މ. ލަވްނެސްޓުގެ ކޮޓަރިއެއްގެ ތަޅުން ދަށުން 42 ކިލޯގެ ހެރޮއިން ފެނުނު މައްސަލައާ ގުޅިގެން، އަހްމަދު ހުސައިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިދިޔަ ހުކުރު ދުވަހުގައެވެ. އަހްމަދުގެ އިތުރުން އެ މައްސަލާގައި އެހެން މީހަކުވެސް ހައްޔަރުކުރިއެވެ.

އަހްމަދުގެ މައްޗަށް ދައުލަތުން ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ޓްރެފިކް ކުރުމުގެ ދައުވާއެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް ދިހަ ދުވަހުގެ މުއްދަތެއް ޖަހައިފައެވެ.

ބަންދުގެ މަޖިލީހުގައި ވާހަކަ ދައްކަމުން އަހްމަދު ހުސައިން ބުނީ، މަސްތުވާތަކެތި ފެނިފައިވަނީ އެންމެނަށްވެސް ވަދެވޭ ގޮތަށް ހުރި ތަނަކުން ކަމަށާއި، އެ މައްސަލަ ޖައްސާފައިވަނީ އޭނާ އާ ދެކޮޅުވެރިކަމެއް އޮތް ބަޔަކު އޭނައަށް ދެރައެއް ދިނުމަށް ކަމަށެވެ. ނަމަވެސް ފުލުހުންނަށް ފިލުމަށް އަހްމަދު މަސައްކަތްކޮށްފައިވާ ކަމަށާއި، އެގޮތުން އޭނާގެ ފޯނު ނަންބަރާއި ފޯނުވެސް ބަދަލުކުރި ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަހްމަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މިދިޔަ އިންތިހާބުގައި އަލިފުށި ދާއިރާއަށް ވާދަކޮށްފައެވެ. ނަމަވެސް އެ އިންތިހާބުން އޭނާ ވަނީ ނާކާމިޔާބުވެފައެވެ.

އެ މައްސަލައާ ގުޅިގެން ކައުންސިލް މެންބަރު ކަމުގެ މަގާމުން އަހްމަދު ވަކިކޮށް، ޕީއެންސީން ވަނީ ސިޔާސީ ހަރަކާތްތަކުންވެސް އޭނާ ވަނީ އިއްޔެއިން ފެށިގެން ސަސްޕެންޑުކޮށްފައެވެ.