މަސްތުވާތަކެތި ފަދަ ބޮޑެތި މައްސަލަތަކުގައި ފުލުހުން ކުރާ ތަހިގީގުގެ ކަންކަން (ޗެއިން އޮފް ކަސްޓަޑީ) ގޯސްވެ ހައްޔަރު ކުރާ ކުށްވެރިން ދޫވުމަކީ ފުލުހުން އެދޭ ގޮތެއް ނޫން ކަމަށް އެ މުއައްސަސާއިން ބުނެފިއެވެ. އަދި މާދަމާ އައްޑޫގައި ހުޅުވާ ޕޮލިސް އެކެޑަމީ ހުޅުވީމައި، އެ ގޮތަށް ދޫވާ ދޫވުން ކުޑަކުރުމަށް އެތަނުގައި ފުލުހުންނަށް ތަމްރީނު ދެވޭނެ ކަމަށް ބުނެފިއެވެ.

ފުލުހުން ބުނީ، މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ޖިނާއީ މައްސަލަތަކުގައި ފުލުހުންގެ ފަރާތުން ހިނގާ އިޖުރާއީ މައްސަލައަކާ ގުޅިގެން ކުށްވެރިން ދޫވާ ކަމަށެވެ. އަދި އެފަދަ ކަންކަން ހިނގަނީ ތަމްރީނު މަދުވެގެން ކަމަށް ދޭހަވާ ގޮތަށް "ދަ ޕްރެސް" އިން ކުރި ސުވާލަށް ޖަވާބު ދެމުން ފުލުހުން ވަނީ މިއަދު ބުނެފައެވެ.

"ދަ ޕްރެސް" އިން މިއަދު ފުލުހުންނާ ސުވާލު ކުރީ، މަސްތުވާތަކެތީގެ ތަފާތު މައްސަލަތަކުގައި ހައްޔަރު ކުރާަ މީހުން، ޗެއިން އޮސް ކަސްޓަޑީ ނުބައިވެ ޝަރީއަތުން މިނިވަން ވާ އިރު ޗެއިން އޮފް ކަސްޓަޑީގައި ގޯސް ހެދޭ ހިސާބު ދެނެ ނުގަނެވެނީ ކީއްވެތޯއެވެ.

އޭގެ ޖަވާބުގައި، ފުލުހުން ބުނީ، އައްޑޫ ޓްރޭނިން ސެންޓަރަކީ ފުލުހުން އިތުރަށް ތަމްރީނުވެ ފުރިހަމަ ވާނެ ތަނެއް ކަމަށެވެ.

މި ފަހަކަށް އައިސް ޑްރަގްސްގެ ގިނަ މައްސލަަތަކެއް ކްރިމިނަލް ކޯޓުން ނިންމަމުން އައި އިރު، އެ މައްސަލަތަކުގައި ތުހުމަތުވެ ހައްޔަރު ކޮށް ޝަރީއަތް ހިންގާ މީހާގެ މައްޗަށް ކުށް ސާބިތު ނުވެ ދޫކޮށްލާފައިވާ އެތައް މައްސަލައެއް އެބަހުއްޓެވެ. އެ މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތަކުގައި ބުނެފައި އޮންނަނީ ފުލުހުންގެ ތަހުގީގީ މަރުހަލާގައި ކަންކޮށްފައި ވާ ގޮތުގައި ގޯސްހަދާފައި ހުރެގެން އެ މައްސަލަތަކުގައި ހެކި ސާބިތު ކުރެވެން ނުހުންނަ ކަމަށެވެ.

އެންމެ ގިނައިން ފާހަގަ ކުރެވޭ އެއް ކަމަކީ، ޗެއިން އޮފް ކަސްޓަޑީ ނުވަތަ ކަސްޓަޑީ ކާޑުގެ މައްސަލައެވެ. ޗެއިން އޮފް ކަސްޓަޑީ ކާޑަކީ ލެބޯޓްރީ އާ ހިސާބަށް ޑްރަގް ގެންދާއިރު، އެއަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަން ކަށަވަރު ކުރުމަށްޓަކައި ފުލުހުން ތަތްކުރާ އެއްޗެކެވެ. ހަމައެއާއެކު ލެބޯޓްރީއާ ހަމައަށް މަސްތުވާތަކެތި ތަހުލީލު ކުރަން ގެންދާ އިރު، އެ ތަކެތި އެ ހިސާބަށް ގެންދާ ގޮތުގެ ތަފްސީލު ހުށަހެޅުމުގައި ވެސް މައްސަލަތަކެއް ފާހަގަ ވެފައި ހުރި ކަމަށް ދާދި ފަހުން ހުކުމް ކުރި މަސްތުވާތަކެތީގެ މައްސަލައެއްގައި ވެސް ވަނީ ފާހަގަ ކޮށްފައެވެ.

ފުލުހުންގެ ގޯސްތަކަކާ ހުރެ ކުށްވެރިން ދޫވާ މައްސަލައިގައި އާންމުންގެ ގިނަ ބަޔަކު ފުލުހުންނަށް އަންނަނީ ފާޑު ކިޔަމުންނެވެ. އޮޕަރޭޝަންތައް ހިންގާ ޑްރަގްސްއާ އެކު ރެޑްހޭންޑްކޮށް ކުށްވެރިޔާ ހައްޔަރު ކުރި ކަމުގައި ވިޔަސް އެމީހުން ދޫވާ މައްސަލައަށް ހައްލެއް ނެތް ކަމަށް ބައެއް މީހުން ގަބޫލު ކުރެއެވެ. އަދި މި ގޮތަށް ތަކުރާރުކޮށް މިކަން ވަމުން ދިޔުމަކީ ފުލުހުންގެ މުއައްސަސާގެ ދޯދިޔާކަން ފެންނަ ކަންކަން ކަމަށް ވެސް އެމީހުން ބުނެއެވެ.