ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫގެ މަަސައްކަތް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލައްވައިފިއެވެ.

ރައީސްގެ ދެކަނބަލުން މި މަސައްކަތް ބައްލަވާލައްވާފައި ވަނީ ޏ. ފުއްވައްމުލަކަށް މިއަދު ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން މިހާރު މަގުތަކުގައި ހަދަމުން އަންނަ ފެން ހިންދާ ނިޒާމްގެ މަސައްކަތް ކުރިއަށްދާ ގޮތް ވަނީ ބައްލަވާލައްވާފައެވެ. އެ ދެކަނބަލުންގެ އަރިހުގައި ނައިބް ރައީސް ފައިސަލް ނަސީމް އާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި، ސަރުކާރުގެ ބައެއް އިސްވެރިން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި މަޝްރޫގެ ދަށުން މަޝްރޫގެ ދަށުން 122،659 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބް ބޭސް ތައްޔާރު ކުރުމުގެ މަސައްކަތާއި، 95،239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، މީގެއިތުރުން، 27،450 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުން ހިމެނެއެވެ، ހަމައެއާއެކު މަގުމަތީ ނިޝާން ހަރު ކުރުމާއި، މަގު ބައްތި ހަރު ކުރުމުގެ އިތުރުން، 19،940 މީޓަރުގެ ސަރަހައްދެއްގައި ފެން ހިންދާ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 271.3 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ ކުރިން ފުވައްމުލަކު ސިޓީގައި ވާރޭ ވެހި ފެންބޮޑު ވެއްޖެ ނަމަ ރައްޔިތުންނަށް ދަތިތައް ކުރިމަތިވާ މައްސަލަތަކާއި އެކަމާ ގުޅިގެން އެތައް ޝަކުވާތަކެއް ވަނީ ކޮށްފައެވެ. އެމްޓީސީސީން އެ ރަށުގެ އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތް ނިންމާ ލެވޭ އިރު ފުވައްމުލަކު ރައްޔިތުންގެ ޝަކުވާތަކަށް ނިމުމެއް އަންނާނެ ކަމަށް ބެލެވެއެވެ.

ވޭތުވެ ދިޔަ 3 އަހަރު ތެރޭ އެމްޓީސީސީން ވަނީ 4 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ފުރިހަމަ ކޮށްފައެވެ. އަދި މިހާރު ވެސް 12 ރަށެއްގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދާ އިރު، 9 ރަށެއްގެ މަސައްކަތް ކޮންޓްރެކްޓް ވަނީ ހަދާފައެވެ.