ކ. ތުލުސްދޫގައި މޫދަށް އެރި އުޅުނު އިޓަލީގެ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

"ދަ ޕްރެސް" އަށް އެކަން ކަށަވަރުކޮށްދެއްވާ ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވިދާޅުވީ މޫދަށް އެރިއުޅެނިކޮށް މަރުވެފައިވަނީ އިޓަލީގެ 72 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އަސްލަމް ވިދާޅުވީ އޭނާ މަރުވެފައިވަނީ އާއިލާއާއެކު މޫދަށް އެރި އުޅުމުގެ ތެރޭގައި މިއަދު ހެނދުނު ގާތްގަނޑަކަށް 10 ޖަހާއިރު ކަމަށާއި މިހާރު އެ މީހާ އޮތީ އެ ރަށު ސިއްހީ މަރުކަޒުގައި ކަމަށެވެ.

" އޭނާ މޫދަށް ގޮސް އުޅުނީ އަންހެނުންނާއި ދަރިންނާއެކު. ވަރަށް ގިނަ އެހެން މީހުންވެސް އެތާއުޅުނު އެ ގަޑީގަ. މިއަދު ވަރަށް ރީތި މަޑު ދުވަހެއް . އޮއިބާރެއްވެސް ނޫން"
ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ

އަސްލަމް ވިދާޅުވީ އޭނާ ގެނބިފައިވަނީ ކަނޑާ ދިމާލަށް ނިކުންނަށްއިންނަ ނެރުމައްޗަށް ގަނބައިގަނެގެން ކަމަށާއި އެތަނަށް ނުދިއުމަށް ބޯޑުވެސް ޖަހައިފާވާނެ ކަމަށެވެ. އެ ހިސާބުގައި ގާތްގަނޑަކަށް 5 ވަރަކަށް ފޫޓު ހުންނާނެ ކަމަށާއި އެ މީހާ ގެނބޭތަން ފެނި އެތަނުން ދިޔަ ލޯންޗަކުން އޭނާ ނަގައިގެން ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެ މީހާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ފުރާނަ ހުރި ނަމަވެސް އޭގެ ފަހުން ފުރާނަ ދިޔަ ކަމަށް އަސްލަމް ވިދާޅުވިއެވެ.