ރަސްމީ އިދާރާތަކުން އަންގާ އެންގުންތަކަށް ސިޔާސީ ޕާޓީތަކުން ބޯލެނބުމަށާއި، ރާއްޖޭގެ ހާރިޖީ ސިޔާސަތުތަކަށާއި ގުޅުންތަކަށް އިހްތިރާމް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހެން އިލްތިމާސްކޮށްފައި ވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ "އިންޑިއާ އައުޓް"ގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހިންގާ ހަރަކާތުގެ ދަށުން، "ނޭވާހޮޅިއަށް"ގެ ނަމުގައި މާދަމާ މާލޭގައި ބާއްވާ އެއްވުން ބޭއްވުމަށް އިދިކޮޅު ފަރާތްތަކަށް ހުއްދަ ނުދޭނެ ކަމަށް ފުލުހުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

މާދަމާ އިދިކޮޅުން ބާއްވާ އެއްވުމުގައި ބައިވެރިނުވުމަށް ފުލުހުން އިއްޔެ އިލްތިމާސްކޮށްފައިވާއިރު، ފުލުހުން ބުނީ މާދަމާ އިދިކޮޅުން ބާއްވާ އެއްވުމަކީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތަށް ބާއްވާ އެއްވުމެއް ކަމަށް ނުބެލެވޭތީ، އެ އެއްވުމުގައި ބައިވެރިވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

އީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނިގޮތުގައި، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން، ސިޔާސީ ހަރަކާތްތައް ހިންގުމަށް ޕާޓީތަކަށް މަގުފަހިކޮށްދީފައިވަނީ ގާނޫނުއަސާސީ އާއި ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ގަވައިދާއި، ރާއްޖޭގައި އަމަލުކުރަމުންދާ އެހެން ގާނޫނުތަކަކާއި ގަވައިދުތަކުގެ ތެރެއިންނެވެ.

އެހެންކަމުން ޕާޓީތަކުން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުންތަކާއި، ހަރަކާތްތައް ގާނޫނާއި ގަވައިދުގެ ތެރެއިން، ރާއްޖޭގެ ދާހިލީ ހަމަޖެހުމާއި، ހާރިޖީ ސިޔާސަތުތަކާއި ގުޅުންތަކަށް އިހްތިރާމް ކުރުމާއެކު ކުރިއަށް ގެންދިއުމަށާއި، ރަސްމީ އިދާރާތަކުން އަންގާ އެންގުންތަކަށް ޕާޓީތަކުން ބޯލެނބުމަސް އެ ކޮމިޝަނުން އިލްތިމާސްކޮށްފައިވެއެވެ.

މާދަމާ ބާއްވާ އެއްވުމަކީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތަށް ބާއްވާ އެއްވުމެއް ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެފައިވާއިރު، އިދިކޮޅުން ބުނީ މި އެއްވުމަކީ ސުލްހަވެރިކަމާއެކު ކުރިއަށް ދާނެ އެއްވުމެއް ކަމަށެވެ. އަދި އެއްވުން ނުބޭއްވޭނެ ކަމަށް ފުލުހުން އެންގި ނަމަވެސް، ރާވާފައިވާ ގޮތަށް އެއްވުން ކުރިއަށް ދާނެ ކަމަށް އިދިކޮޅުން ބުނެފައިވެއެވެ.

މާލޭގައި އިދިކޮޅުން މާދަން އެއްވުން ބާއްވާއިރު، ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން މިނިވަންވެވަޑައިގަތް ފަހުން، އިދިކޮޅުން ވަނީ އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ހަރަކާތްތައް ފުޅާކޮށްފައެވެ. އެގޮތުން، އެ ހަރަކާތް ރަށްރަށަށް ފުޅާކޮށްފައިވާއިރު، ޔާމީން ވަނީ ބައެއް ރަށްރަށަށް ވަޑައިގެން އިންޑިއާ އައުޓް ހަރަކާތުގައި ބައިވެރިވެ ވަޑައިގެންފައެވެ.