އިންތިހާއަށް ވަރުގަދަ ނިއުކްލިއާ ހަތިޔާރު އުފުލުމަށް ފަރުމާ ކޮށްފައި ވާ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް، އުތުރު ކޮރެއާއިން ޓެސްޓު ކޮށްފިއެވެ.
އުތުރު ކޮރެއާއިން އައިސީބީއެމް ނުވަތަ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލު ޓޭސްޓު ކޮށްފައި ވާ ކަމަށް ބުނީ ޖަޕާނާއި ދެކުނު ކޮރެއާއިންނެވެ.
ޖަޕާނުގެ އޮފިޝަލުން ލަފާ ކުރައްވާ ގޮތުގައި އުތުރު ކޮރެއާގެ އައީސީބީ މިސައިލު ވަނީ، 1100 ކިލޯމީޓަރަށް ދަތުރު ކޮށްފައެވެ. އަދި ގަޑިއެއްގެ އިރަށްވުރެ ގިނަ ވަގުތު އުދުހުމަށްފަހު، އެ މިސައިލް ވެއްޓުނީ، ޖަޕާނުގެ އިގުތިސޯދީ ސަރަހައްދު (އީއީޒީ) ތެރެއަށް ކަމަށްވެސް މައުލޫމާތު ލިބެއެވެ.
އައިސީބީ މިސައިލަކީ އެތައް ހާސް ކިލޯމީޓަރަކަށް ދަތުރު ކުރުމުގެ ގާބިލުކަން ލިބިފައި ވާ މިސައިލެކެވެ. އެމެރިކާއާ ހިސާބަށް ދަތުރު ކުރުމުގެ ގާބިލުކަންވެސް އައިސީބީ މިސައިލަށް ލިބިގެންވެއެވެ.
ފާއިތުވީ ހަފުތާތަކުގައި އުތުރު ކޮރެއާއިން ވަނީ މިސައިލް ޓެސްޓުތަކެއް ކުރިއަށް ގެންގޮސްފައެވެ. އެއީ ސެޓެލައިޓްތަކެއް ލޯންޗްކުރި ކުރުމެއް ކަމަށް އުތުރު ކޮރެއާގެ ސަރުކާރުން ބުނި ކަމުގައި ވީ ނަމަވެސް، އެމެރިކާއާއި ދެކުނު ކޮރެއާއިން ވަނީ، އެއީ އައިސީބީ މިސައިލްގެ ބައިތަކެއް ޓެސްޓު ކުރުމަށް ކުރި ކަމެއް ކަމަށް ތުހުމަތު ކޮށްފައެވެ.
އުތުރު ކޮރެއާއިން މިއަދު ޓެސްޓު ކުރި އައިސީބީ މިސައިލުން އެ ގައުމުން އެންމެ ފަހުން ޓެސްޓު ކުރި މި ޒާތުގެ މިސައިލަށްވުރެ އާ، އަދި މާ ބާރުގަދަ މިސައިލެއް ކަމަށް ޖަޕާނުގެ އޮފިޝަލުން ވިދާޅުވެއެވެ. އަދި މިއަދު ޓެސްޓު ކުރި މިސައިލު، ބިމުގެ ސަތަހައިން ފެށިގެން 6000 ކިލޯމީޓަރު މައްޗަށް އެރި ކަމަށްވެސް ޖަޕާނުގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.
އުތުރު ކޮރެއާއިން އެންމެ ފަހުން އައިސީބީ މިސައިލެއް ޓެސްޓު ކުރީ 2017 ވަނަ އަހަރުއެވެ.
އުތުރު ކޮރެއާއިން މިއަދު އައިސީބީ މިސައިލު ޓެސްޓު ކުރުމާއެކު، އެކަމަށް ރައްދު ދިނުމުގެ ގޮތުން، ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ވަނީ އެއްގަމާއި، ކަނޑު އަދި ވައިގެ މަގުން 5 މިސައިލެއް ޓެސްޓު ކޮށްފައެވެ.
އދއިން ވަނީ ބެލިސްޓިކް މިސައިލާއި ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރުން، އުތުރު ކޮރެއާއަށް މަނާކޮށްފައެވެ. އަދި މީގެ ކުރިން އެ ގައުމުން ކުރި އެފަދަ ޓެސްޓުތަކަކާ ގުޅިގެން އުތުރު ކޮރެއާއާ ދެކޮޅަށް ވަނީ ދަތި ކުރުމުގެ ފިޔަވަޅުތައްވެސް އަޅާފައެވެ.