އައިޖީއެމްއެޗަށް ފޯނުން ގުޅައިގެން ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓް ހެއްދުމަށް ފަހު، ޑޮކްޓަރަށް ދައްކަން 151 މީހަކު އިއްޔެ ނުދާ ކަަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން ބުނީ، އިއްޔެ އެ ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހަދާފައި ތިބި މީހުންގެ ތެރެއިން ފޯނުން ޔަގީން ކަން ދިނުމަށް ފަހުގައި ވެސް ޑޮކްޓަރަށް ދައްކަން ނުދާ ގިނަ ބަޔަކު އެބަ ތިބި ކަމަށެވެ. އެ ގޮތުން އިއްޔެ 151 މީހަކު ޑޮކްޓަރަށް ދައްކާނެ ކަމުގެ ޔަގީންކަން ދީފައި ޑޮކްޓަރަށް ނުދައްކާ އެބަ ތިއްބެވެ. އެއީ ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓްގެ ޔަގީންކަން ދިން މީހުންގެ ނިސްބަތަށް ބަލާއިރު 17 ޕަސެންޓް މީހުން ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އިއްޔެ ފޯނުން ގުޅައިގެން އެޕޮއިންޓްމަންޓް ޔަގީންކަން ދިނުމަށް ފަހު މެމޯ ހައްދައިގެން ޑޮކްޓަރަށް ދައްކާފައި ވަނީ ޖުމްލަ 722 މީހުން ކަަމަށް އައިޖީއެމެްއެޗުން ބުނެއެވެ. އެއީ ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓް ހައްދައި ޔަގީންކަން ދިން މީހުންގެ ނިސްބަތަށް ބަލާ ނަމަ 83 ޕަސެންޓް މީހުންނެވެ.

ސިއްހީ ގޮތުން ކަމެއް ދިމާވެއްޖެ ނަމަ މި ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކު ހިޔާރު ކުރާނީ މާލޭގައި ހުންނަ އައިޖީއެމްއެޗުން ޑޮކްޓަރަށް ދައްކާށެވެ. ނަމަވެސް އެ ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކުމަށް ނަންބަރު ހޯދުމަކީ ވޭނަކަށް ވުމުގެ އިތުރުން ދަތި އަދި އެހާމެ އުނދަގޫ ކަމަކަށް އޮންނަނީ ވެފައެވެ. ބައެއް ފަހަރު އެޕޮއިންޓްމަންޓް ހޯދުމަށް އިންތިޒާރުގައި ކިއުގައި ތިބޭތާ އަހަރު ދުވަސް، 8 މަސް، 7 މަސް ފާއިތުވާ ފަހުން ވެސް ނަންބަރު ލިބޭ ފަހަރު އާދެއެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ބަޔަކު ވެސް އައިޖީއެމްއެޗަށް ދައްކަން އިސްކަމެއް ދެނީ އަތުން ފައިސާއެއް ހަރަދު ނުކޮށް ހުރިހާ ކަމެއް އާސަންދައިގެ ދަށުން ނިންމާލެވޭތީ ކަަމަށް ބައެއް މީހުން ބުނެއެވެ. މާލެ ނޫނަސް ރަށްރަށުގައި ތިބޭ މީހުން ވެސް ބޭސްފަރުވާ އަށް ޑޮކްޓަރަށް ދެއްކުމަށާއި ޓެސްޓުތަކެއް ހަދަން ޖެހޭ ފަދަ ހާލަތެއް މެދުވެރި ވެއްޖެ ނަމަ އަތޮޅުތެރޭގައި ހުންނަ ހޮސްޕިޓަލުތަކަށް ދެއްކުމަށް ވުރެ، އައިޖީއެމްއެޗަށް ދެއްކުން އިސްކުރާތަން ފެނެއެވެ. އަދި މިފަދައިން ޑޮކްޓަރަށް ދައްކަން މަސައްކަތް ކުރާ އެތައް ބަޔަކު މާލެއަށް ނައިސް ވެސް ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ކުރިއާ ލައި ރަށުގައި ތިބެގެން ހައްދަނީ މާލެ އައިސް ގިނަ ދުވަސްތަކެއް ވަންދެން މަޑު ނުކޮށް ފަރުޖައްސާލާށެވެ.

އައިޖީއެމްއެޗުން ފަރުވާ ހޯދަން ބޭނުންވާ ގިނަ ބަޔަކު މި މުޖުތަމައުގައި ތިބި އިރު، އަބަދުވެސް އެ ހޮސްޕިޓަލުން އެޕޮއިންޓްމަންޓް ލިބުމުގައި ބޮޑުތަނުން ލަސް ކަމަށް ބުނެ އާންމުން އަންނަނީ އިންތިހާއަށް ޝަކުވާ ކުރަމުންނެވެ. އެފަދަ ޝަކުވާތައް ގިނަ ވަމުން އަންނަ އިރު، ފޯނުން އެޕޮއިންޓްމަންޓްގެ ޔަގީންކަން ދިނުމަށް ފަހުވެސް ޑޮކްޓަރަށް ދައްކަން ނުދާ މީހުން އިތުރުވަމުން ދިއުމަކީ ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ.