ގައުމުތަކުގެ އެއްބާރުލުން ޔޫކްރައިންއަށް ލިބޭނެ ކަމުގެ ރަމްޒެއްގެ ގޮތުން، ދުނިޔޭގެ ހުރިހާ ހިސާބެއްގައި، ޔޫކްރައިންގެ ހައްގުގައި މުޒާހަރާ ކޮށްދިނުމަށް، ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ، ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވައިފިއެވެ.

މިއަދަކީ ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަކަށް، އެ ގައުމުގެ އަސްކަރިއްޔާއިން ފުރިހަމަ ބާރާއެކު ޔޫކްރައިންއަށް އަރާ، ވަރުގަދަ ހަނގުރާމައެއް ކުރަން ފެށިތާ 1 މަސް ފުރޭ ދުވަހެވެ. ހަނގުރާމައަށް 1 މަސް ފުރުނުއިރު ސިލްސިލާ ގޮތެއްގައި ސުލްހައިގެ މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ މަންޒަރު ފެނުނު ނަމަވެސް، ހަނގުރާމަ ހުއްޓިދާނެ ކަމުގެ ކޮޅުމަތި އަދިވެސް ފެންނާކަށް ނެތެވެ.

ހަނގުރާމަ ފެށީއްސުރެ ގަވައިދުން ގައުމާ މުހާތަބު ކުރައްވަމުން ގެންދަވާ ޒެލެންސްކީ، ރޭ ތަގުރީރު ކުރެއްވީވެސް އިނގިރޭސި ބަހުންނެވެ. ތަގުރީރު ކުރިއަށް ގެންދަވަމުން ޒެލެންސްކީ ވަނީ، ރަޝިއާއިން ކުރާ ހަނގުރާމައަކީ ހަމައެކަނި ޔޫކްރައިންއާ ދެކޮޅަށް ކުރާ ހަނގުރާމައެއް ނޫން ކަމަށާ، ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ މީސްތަކުންގެ މިނިވަންކަމާ ދެކޮޅަށް ކުރާ ހަނގުރާމައެއް ކަމަށް ވިދާޅުވެފައެވެ. އަދި ރަޝިއާއިން ބާރުގެ ބޭނުން ކުރަމުން ދާ ދިއުން ހުއްޓުމަކަށް ގެނައުމަށް މުޅި ދުނިޔެ މަސައްކަތް ކުރުމަށްވެސް ޒެލެންސްކީ ވަނީ ގޮވާލައްވާފައެވެ.

ރަޝިއާއިން ކުރަމުންދާ ހަނގުރާމައިގެ އަސަރު، މިހާރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަނީ ފޯރަމުންނެވެ. އެގޮތުން ހަކަތައާއި ކާބޯތަކެތީގެ ސަޕްލައިއަށް އަސަރުކޮށް، ބާޒާރުތަކުގައި ތަކެތީގެ އުފުލުމުގެ މައްސަލަ، ދުނިޔޭގެ އެކި ހިސާބުތަށް ދަނީ ފޯރަމުން ކަން ފާހަގަ ކުރަން ޖެހެއެވެ.

ހަނގުރާމަ ހުއްޓާލުމަށް ރަޝިއާއިން ޑިމާންޑްތަކެއް ކުރިމަތިކުރިއެވެ. އަދި ފަހުގެ އިންޒާރެއްގެ ގޮތުން މަރިއުޕޮލް ސަރަހައްދު ދޫކޮށްލުމަށް ޔޫކްރައިންއަށް މަޖުބޫރުކުރިއެވެ. ނަމަވެސް ޔޫކްރައިނުން އެކަމަށް އިޖާބަ ދީ، އެ ސަރަހައްދު ދޫކޮށްލާފައެއް ނުވެއެވެ.

ކަން މިހެން އޮތް އިރު، އެމެރިކާގެ ރައީސް ޖޯ ބައިޑަންވަނީ ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމާގައި ކެމިކަލް އަދި ބައޮލޮޖިކަލް ހަތިޔާރުގެ ބާރުގެ ބޭނުން ކުރުން އެކަށީގެންވާ ކަމުގެ އިންޒާރު ދެއްވާފައެވެ. ޔޫކްރައިންގައި ކުރަމުން ދާ ހަނގުރާމާގައި ނިއުކްލިއާ ހަތިޔާރުގެ ބާރުގެ ބޭނުން ނުކުރާނެ ކަމަށް ބުނުމަށް ރަޝިއާ ވަނީ ފަސްޖެހިފައެވެ.

ހަމަލާ ދެނީ އަސްކަރީ އަމާޒުތަކަށް ކަމަށް ރަޝިއާއިން ބުނި ކަމުގައި ވީ ނަމަވެސް ޔޫކްރައިންގެ މަސްރަހުން މިހާރު ފެންނަނީ އެ މަންޒަރެއް ނޫނެވެ. މާބަނޑު މީހުންނާއި ކުޑަ ކުދިން ތިބި ހޮސްޕިޓަލަކަށް ހަމަލާދީ، ގިނަ ބައެއްގެ ފުރާނަ ދުއްވާލާފައި ވާއިރު، ކުޑަކުދިންނާއި އަންހެނުން ހިމާޔަތް ހޯދަމުން ދިޔަ އިމާރާތަކަށް އަމާޒުކޮށްގެންވެސް ރަޝިއާއިން ވަނީ ހަމަލާ ދީފައެވެ. ރަޝިއާގެ އުދުވާންތަކުގައި ޔޫކްރައިނުން ގިނަ އަދަދަކަށް އާންމުން މަރުވަމުން ދާ އިރު، ސައްހަ އަދަދުތައް އަދިވެސް ކަށަވަރެއް ނުވެއެވެ.