ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލުން ނަންގަވާފައިވާ ދެ ކްރެޑިޓް ކާޑަކަށް ދައްކަވަންޖެހޭ ފައިސާ ދައްކަވާފައިވާތީ، އޭނާގެ މައްޗަށް މިދިޔަ އަހަރު ކުރި ދައުވާ އިއްޔެ ބާތިލްކޮށްފިއެވެ.
މިދިޔަ އޮގަސްޓް މަހުގެ 8 ގައި ބީއެމްއެލުން ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައިވާ ގޮތުން، އަލްހާން ބީއެމްއެލުން ނެންގެވި ދެ ކާޑަކަށް އެއްބަސްވެފައިވާ ގޮތަށް ގަވައިދުން ފައިސާއެއް ނުދައްކަވައެވެ. އެ ކާޑުތަކަކީ:
- ބީއެމްއެލް ވިސާ ޕްލެޓިނަމް ކްރެޑިޓް ކާޑް (މި ކާޑުގެ ލިމިޓަކީ 5،000-24،000 އެމެރިކާ ޑޮލަރު، އިންޓްރަސްޓަކީ މަހަކަށް 2.5 ޕަސެންޓު)
- ބީއެމްއެލް އެމެރިކަން އެކްސްޕްރެސް ގޯލްޑް ކްރެޑިޓް ކާޑް (މި ކާޑަށް 22،000ރ އަށް ވުރެ މަތިން ކްރެޑިޓް ލިބޭ، އިންޓްރަސްޓަކީ މަހަކަށް 2.65 ޕަސެންޓު)
އަލްހާންގެ މައްޗަށް ކޮށްފައިވާ ދައުވާ ބާތިލްކުރުމަށްޓަކައި ނެރުނު ހުކުމުގައި ފައިސާގެ އަދަދު ހާމަކޮށްފައެއް ނުވެއެވެ.
ބީއެމްއެލުން ދައުވާކޮށްފައިވަނީ މުއާމަލާތްތަކާ ގުޅިގެން ދައްކަންޖެހޭ ހުރިހާ ފައިސާއަކާއި ޖޫރިމަނާއެއް އެއްފަހަރާ ހޯދުމަށެވެ. އޭގެ އިތުރުން، އަލްހާންގެ އާއިލާގެ ބައެއް ބޭފުޅުން އަލްހާންގެ އާއިލީ ގެ މޯގޭޖް ކުރުމަށްފަހު ނެންގެވި 8.7 މިލިއަން ރުފިޔާގެ ލޯނެއް ނުދައްކައިގެންވެސް ދައުވާކޮށްފައިވެއެވެ. އެ މައްސަލާގައި ސިވިލް ކޯޓުން މިދިޔަ ސެޕްޓެމްބަރު މަހު ވަނީ އެއް އަހަރު ދުވަހުގެ ތެރޭ ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާ ދައްކަން ހުކުމްކޮށްފައެވެ.
އަލްހާންގެ މައްޗަށް ކުރި ދައުވާ ބާތިލްކޮށް ނެރުނު ހުކުމްގައިވާގޮތުން ސިވިލް ކޯޓުން އެ ގޮތަށް ހުކުމްކޮށްފައިވަނީ ކާޑުތަކަށް ދައްކަންޖެހޭ ފައިސާ އަލްހާން ދައްކަވާފައިވާތީވެ، ހޯމަ ދުވަހު ބޭންކުން އެ ކޯޓަށް އެކަން އަންގާފައިވާތީ ކަމަށެވެ.
ނަމަވެސް، ޕޮންޒީ ފަންޑު ހިންގާ މައްސަލާގައި އަލްހާންގެ "ކިންގްސް ފޮރެކްސް ޓްރޭޑިން"ގެ އެކައުންޓް ފްރީޒް ކުރުމުން، އޭނާގެ ކިންގްސް ކެޕިޓަލް ހޯލްޑިންސް ކުންފުނީގެ ފަރާތުން ވަނީ ބީއެމްއެލާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ.