ރަޝިއާއިން ނިއުކްލިއާ ހަތިޔާރުގެ ބާރުގެ ބޭނުން ކުރާނެ ހަމައެކަނި ސަބަބަކީ، އެ ގައުމުގެ ދެމިއޮތުމަށް ނުރައްކާވުން ކަމަށް، ރަޝިއާ ސަރުކާރުގެ ތަރުޖަމާނު، ޑިމިޓްރީ ޕެސްކޯވް ވިދާޅުވެއްޖެއެވެ.

ޔޫކްރައިންއަށް އަރާ، ވަރުގަދަ ހަނގުރާމައެއް ކުރަމުން އަންނަ ރަޝިއާއިން ނިއުކްލިއާ ހަތިޔާރު ބޭނުން ނުކުރާނެ ކަމުގެ ޔަގީންކަން އޮތް މިންވަރަކާ ބެހޭ ގޮތުން ސީއެންއެންއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕެސްކޯވް ވިދާޅުވީ، ރަޝިއާގެ ދާހިލީ ސަލާމަތާ ބެހޭ އުސޫލެއް އޮންނަ ކަމަށެވެ. އެއީ އެންމެނަށްވެސް ފެންނަން އޮތް އުސޫލެއް ކަމަށާ، ރަޝިއާގެ ދެމި އޮތުމަށް، އެއްވެސް ގައުމެއްގެ ފަރާތުން ނުރައްކާ ކުރިމަތިވެއްޖެ ހިނދެއްގައި، އެ އުސޫލާ އެއްގޮތަށް ނިއުކްލިއާ ހަތިޔާރުގެ ބާރުގެ ބޭނުން ކުރެވިދާނެ ކަމަށް ޕެސްކޯވް ވަނީ ވިދާޅުވެފައެވެ.

ރަޝިއާގެ ރައީސް، ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަކަށް، އެ ގައުމުގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އެރީ ފެބުރުއަރީ 24 ވަނަ ދުވަހުއެވެ. އޭގެ ފަހުން ޕޫޓިން ވަނީ ރަޝިއާގެ ނިއުކްލިއާ ފައުޖުތަކަށް އެންމެ މަތީ ފަންތީގެ އެލާޓް އިއުލާން ކުރައްވާފައެވެ.

ނިއުކްލިއާ ހަނގުރާމައެއް ކޮށްފާނެ ކަމަށް މީގެ ކުރިން ހިޔާލަށް ގެންނަން ދަތިވެފައި ވީ ނަމަވެސް، މިއަދު އެކަން އޮތީ ހަގީގަތުގައިވެސް ހިނގާފާނެ ކަމަކަށް ވުމާ އިންތިހާ ގާތުގައި ކަމަށް، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްވެސް ވަނީ މާޗް 14 ވަނަ ދުވަހު ވިދާޅުވެފައެވެ.

ރަޝިއާއިން ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމައިގެ ކަންކަން ކުރިއަށް ދަނީ ޕްލޭނާ އެއްގޮތަށް ކަމަށް ރަޝިއާއިން ވަނީ ބުނެފައެވެ.

ރަޝިއާއިން މިފަދަ ރޫހެއްގައި ވާހަކަ ދައްކާފައިމި ވަނީ، ޔޫކްރައިން ހަނގުރާމާގައި ރަޝިއާއިން، ކެމިކަލް އަދި ބައޮލޮޖިކަލް ހަތިޔާރު ބޭނުން ކުރުން އެކަށީގެން ވާ ކަމުގެ އިންޒާރެއް، އެމެރިކާގެ ރައީސް ޖޯ ބައިޑަން ދެއްވާފައި ވާ ދަނޑިވަޅެއްގައެވެ.