މި އަހަރުގެ ރޯދަ މަހުގެ އިނާޔަތްތައް އަންނަ ހޯމަ ދުވަހު މުވައްޒަފުންނަށް ދިނުމަށް ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.
އެ މިނިސްޓްރީން ނެރުނު މާލީ ސާކިއުލާއެއްގައިވާ ގޮތުން، މިނިސްޓްރީން ވަނީ ކޮންމެ މުސްލިމް މުވައްޒަފަކަށް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 3،000ރ ދިނުމަށާއި، އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ ނަމަ، އަސާސީ ވަޒީފާ އަދާކުރާ ތަނުން އެކަނި، އެ މުވައްޒަފަކަށް އިނާޔަތް ދިނުމަށް އަންގާފައެވެ.
ނަމަވެސް، ރޯދަ މަހު ޕޭ ލީވްގައި މަސައްކަތްކުރާ ސަރުކާރު މުވައްޒަފުންނާއި، ނޯޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭން ނުޖެހޭނެ ކަމަށް އެ ސާކިއުލާގައި ބަޔާންކޮށްފައިވާއިރު، ޗުއްޓީ ނިންމާފައި ރޯދަމަހު ވަޒީފާއަށް ނުކުންނަން ފަށައިފި ނަމަ، އެ ދުވަހަކުން ފެށިގެން ރޯދަ މަސް ނިމެންދެން ޖެހޭ އަދަދު ބަލައި، ރޯދަ އިނާޔަތް ދިނުމަށް ވަނީ އަންގާފައެވެ.
ހަމަ އެއާއެކު، އިނާޔަތް ދީފައި ވަނިކޮށް އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިވެއްޖެނަމަ، އެ މުވައްޒަފަކު ވަކިވި ދުވަހުން ފެށިގެން ބާކީ ދުވަސްތަކަށް ޖެހޭ ފައިސާގެ އަދަދު އެ މުވައްޒަފެއްގެ އަތުން އަނބުރާ ހޯދުމަށްވެސް އަންގާފައިވެއެވެ.
އަދި ދައުލަތުގެ އެކައުންޓިން ސޮފްޓްވެއާ ބޭނުންކުރާ އޮފީސްތަކުން މާދަމާ ރޯދަ އިނާޔަތުގެ ވައުޗަރުތައް އިދާރާތަކަށް ފޮނުވަންވެސް ވަނީ އަންގާފައެވެ.