ނިމިދިޔަ 2021 ވަނަ އަހަރަކީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ކަނޑައަޅާފައިވާ ވައިގެ ކޮލިޓީ މިންގަނޑު (އޭކިއުއައި) ގެ ރައްކާތެރި ގިންތިއާ ހިސާބަށް އެއްވެސް ގައުމަކަށް ދެވުނު އަހަރެއް ނޫން ކަން ހާމަ ވެއްޖެއެވެ.

ވައިގެ ކޮލިޓީ މޮނިޓާ ކުރުމުގައި ހަރަކާތްތެރިވާ ސުވިޓްޒަލަންޑްގެ ކުންފުންޏެއް ކަމަށްވާ އައިކިއުއެއާއިން، ދުނިޔޭގެ އެކި ކަންކޮޅުތަކުން 6457 ސިޓީއަކުން މައުލޫމާތު އެއްކޮށްގެން އެކުލަވާލާފައިވާ ރިޕޯޓަށް ބަލާއިރު، ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ވައިގެ ކޮލިޓީ ފެތޭ އެއްވެސް ގައުމެއް، ދުނިޔޭގެ އެއްވެސް ހިސާބަކު ނެތެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް ގައުމުތަކުން ތަންފީޒު ކުރަން ފެށި ލޮކްޑައުންގެ ހަރުކަށި އަމުރުތަކާއެކު ވައިގެ ނުސާފުކަން ކުޑަވި މަންޒަރު ފެނުނު ނަމަވެސް، 2021 ވަނަ އަހަރަކީ އަނެއްކާވެސް ދުމާއި އެކުވެފައިވާ ދުންފުނި ނުވަތަ ސްމޮގްގެ ތަޣައްޔަރުކަން އަލުން ކުރިމަތިވާން ފެށި އަހަރެކެވެ.

ޑަބްލިއުއެޗްއޯގެ މިންގަނޑުތަކަށް ފެތޭ ގައުމެއް ނެތް ނަމަވެސް، ސާވޭއަށް މައުލޫމާތު އެއްކުރި ސިޓީތަކުގެތެރެއިން އެ މިންގަނޑަށް ފެތިފައި ވަނީ އެންމެ 3.4 ޕަސެންޓް ސިޓީކަން ފާހަގަ ކުރަންޖެހެއެވެ.

117 ގައުމަކުން މައުލޫމާތު އެއްކޮށްގެން ތައްޔާރު ކޮށްފައި ވާ ރިޕޯޓަށް ބަލާއިރު ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ޕީއެމް2.5 ގެ މިންގަނޑަށް ވުރެ 10 ގުނަ އިތުރަށް ތަޣައްޔަރުކަން ރެކޯޑް ކޮށްފައި ވާ ސިޓީތަކުގެ އަދަދު 93 އަށް އަރައެވެ. ޕީއެމް2.5 އަކީ، ގެއްލުންދެނިވި މާއްދާތައް ވައިގެ ތެރޭގައި އެކުލެވޭ މިންވަރަށް ދީފައިވާ ނަމެކެވެ.

ޑަބްލިއުއެޗްއޯގެ މިންގަނޑަށް ރިއާޔަތް ކޮށް، އައިކިއުއެއާގެ ހޯދުންތަކަށް ބަލާއިރު، 2021 ވަނަ އަހަރު، ވައިގެ ތަޣައްޔަރުކަން އެންމެ ބޮޑު 5 ގައުމަކީ ބަންގްލަދޭޝް، ޗާޑް، ޕާކިސްތާން، ތަޖިކިސްތާން އަދި އިންޑިއާއެވެ. ވައިގެ ތަޣައްޔަރުކަން ކުޑަ ކުރުމުގައި ފާހަގަ ކޮށްލެވޭ ވަރުގެ ކާމިޔާބީ ހޯދާފައިވާ ގައުމުތަކުގެ ލިސްޓުގެ ކުރިން، ޗައިނާ ވަނީ ޖާގަ ހޯދާފައެވެ.