ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ރެކޯޑް އަދަދުތަކުން އިތުރު ވަމުން އަންނަ ޗައިނާގައި، އެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރުމަށް ފެއިލްވި އޮފިޝަލުންތަކެއް މަގާމުން ވަކިކޮށްފިއެވެ.

ފާއިތުވީ މަހެއްހާ ދުވަހުގެ ތެރޭގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ފެއިލްވި ކަމުގެ "ކުށުގެ އަދަބެއްގެ" ގޮތުން ވަޒީފާއިން ވަކި ކުރި އޮފިޝަލުންގެ އަދަދު 70 އަށް ވުރެ މައްޗަށް އަރާ ކަމަށް މައުލޫމާތު ލިބެއެވެ.

ޗައިނާގައި މި ދުވަސްވަރު ރެކޯޑް އަދަދުތަކުން ކޮވިޑް ކޭސްތައް އިތުރު ވަމުން ދަނީ، މި އަހަރުގެ ކުރީކޮޅު، ދުނިޔޭގެ އެކި ހިސާބުތަކަށް ބިންދާލީ އޮމިކްރޯން ވޭރިއަންޓްގެ ސަބަބުން ކަމަށް ހަބަރު ލިބެއެވެ.

ހަލުވިކަމާއެކު ފިޔަވަޅު އެޅުމަށް ފެއިލްވާ އޮފިޝަލުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު، ޗައިނާގެ އެންމެ އިސް ލީޑަރުން ދެއްވާފައި ވާ ކަމަށް، ޗައިނާގެ މީޑިއާއާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ. ޗައިނާގެ އެންމެ އިސް އޮފިޝަލުން މިފަދަ އިންޒާރެއް ދެއްވާފައި މި ވަނީ، ބަލީގެ އަލާމާތްތައް މާ ބޮޑަށް ނުވަތަ އެއްވެސް ވަރަކަށް ނުފެނުމުގެ ސަބަބުން، ބަލި ދެނެގަތުމުގައި ތަކުލީފުތަކެއް ކުރިމަތިވަމުން އަންނަ ކަމަށް ސިއްހީ އޮފިޝަލުން ވިދާޅުވެފައި ވަނިކޮށެވެ.

އަންގާރަ ދުވަހު އެކަނިވެސް ޗައިނާއިން ވަނީ ކޮވިޑްގެ 4700 އަށް ވުރެ ގިނަ ކޭސް ރިޕޯޓް ކޮށްފައެވެ. އޭގެ ތެރެއިން ގިނަ ކޭސްތައް ރެކޯޑް ކުރީ އިރު-އުތުރުގެ ޖިލިން ޕްރޮވިންސުންނެވެ. އެ ސަރަހައްދުން 9 މިލިއަނެއްހާ މީހުން މިހާރުވެސް ތިބީ ލޮކްޑައުން އަމުރެއްގެ ދަށުގައި ބަންދުވެފައެވެ.

ޗައިނާއަކީ ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ގައުމެވެ. 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާއިން ކޮވިޑްގެ ކޭސްތައް ރިޕޯޓް ކުރަން ފެށި ނަމަވެސް، ޗައިނާއަކީ ބަލި ކޮންޓްރޯލް ކުރުމުގައި މިހާތަނަށް، ބޮޑެތި ކާމިޔާބީތަކެއް ހޯދާފައި ވާ ގައުމެކެވެ. އަދި ކޮވިޑާ ދެކޮޅަށް އެންމެ ފުރަތަމަ ވެކްސިން ޖަހަން ފެށި ގައުމުތަކުގެ ތެރޭގައިވެސް ޗައިނާ ހިމެނެއެވެ.