އިގުތިސޯދީ އަދި މާލީ ގޮތުން އިނދަޖެހި، އާންމު ދިރިއުޅުމުގެ ހަރަދުތައް އަތް ނުފޯރާ ފަށަށް އުފުލިފައިވާ ސްރީލަންކާގެ ރައްޔިތުން، ރެފިއުޖީންގެ ގޮތުގައި ގައުމު ދޫކޮށް ދާން ފަށައިފިއެވެ.

ސްރީލަންކާގެ އިގުތިސޯދީ ކާރިސާއާއެކު ރެފިއުޖީންގެ ގޮތުގައި ގައުމު ދޫކޮށްލި ފުރަތަމަ ގުރޫޕު ދަތުރު ކުރީ، އަވަށްޓެރި އިންޑިއާއަށް ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން، އަންގާރަ ދުވަހުގެ ވަގުތެއްގައި، ސްރީލަންކާގެ 16 މީހަކު، އިންޑިއާގެ ޓެމިލް ނާޑޫއަށް ދަތުރު ކުރި ކަމަށް ހަބަރު ލިބެއެވެ.

16 ރެފިއުޖީންގެ ތެރެއިން ފުރަތަމަ ދަތުރުކުރި 6 މީހުންގެ ތެރޭގައި ކުޑަ 3 ކުދިންވެސް ހިމެނޭއިރު ޓެމިލް ނާޑުގެ އައްސޭރިފަށުގެ ސަރަހައްދުގައި ހާލުގައި ޖެހިފައި ތިއްބާ އެމީހުން ސަލާމަތް ކުރީ އިންޑިއާ ކޯސްޓްގާޑުންނެވެ. އެންމެ ފުރަތަމަ ދަތުރުކުރި 6 ރެފިއުޖީންގެ ތެރޭގައި 4 މަހުގެ ތުއްތު ކުއްޖަކުވެސް ހިމެނެއެވެ.

ސްރީލަންކާގެ ސަރުކާރާ ދެކޮޅަށް މާޗް 15، 2022 ވަނަ ދުވަހު ކޮޅުނބުގައި މުޒާހަރާ ކުރަނީ / ފޮޓޯ: ދި އޯލްޑްހޭމް ޓައިމްސް

އިތުރު 10 މީހަކު އިންޑިއާއަށް އެތެރެވީ ރޭގަނޑުގެ ވަގުތެއްގައެވެ. ދެވަނަ ގުރޫޕުގައިވެސް 5 ކުޑަކުއްޖަކާއި 3 އަންހެނުން ހިމެނެއެވެ. ހޯވާކްރާފްޓެއްގައި ތިބި މީހުން ސަލާމަތްކޮށް، ފުލުހުންނާ ހަވާލު ކުރުމުގެ ކުރިން، އެމީހުންނަށް ކާންދީ ހަދާފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ޓެމިލް ނާޑޫގެ ފުލުހުންނާ ހަވާލާދީ އިންޑިއާ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި ރެފިއުޖީންގެ ގޮތުގައި އިންޑިއާއަށް ދަތުރު ކުރި ސްރީލަންކާގެ ރައްޔިތުންނަކީ ވަޒީފާ ނުލިބުމުގެ އިތުރުން ކާބޯތަކެތީގެ ދަތިކަމާއެކު ގައުމު ދޫކޮށްލި މީހުންނެވެ.

ޖާސޫސީ މަސްދަރުތަކާ ހަވަލާދީ ޓެމިލް ނާޑޫއިން ވަނީ، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އިންޑިއާއަށް އެތެރެވާ ލަންކާ ރެފިއުޖީންގެ އަދަދު 2000 އަށް އިތުރު ވާނެ ކަމަށް ލަފާ ކޮށްފައެވެ. އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ، މިއީ ސްރީލަންކާ ރެފިއުޖީން އެތެރެވުމުގެ ފެށުން ކަމުގެ އިންޒާރު ދެއްވާފައެވެ.

ޑޮލަރު ލިބުން ދަތިވެ، ބާޒާރުގައި ޒަރޫރީ މުދާ ތަދުވެ، އިންތިހާއަށް އަގުތައް އުފުލެމުން ދާ އިރު، ގިނަ ބަޔަކު ގައުމު ދޫކޮށް ދިއުމަށް ވިސްނަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ. ސްރީލަންކާގެ ބާޒާރުގައި ހަނޑު ކިލޯއެއްގެ އަގު، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 500 (ސްރީލަންކަން) ރުޕީޒްއަށް އަރާނެ ކަމަށް ލަފާ ކުރެވެއެވެ. މިވަގުތު ހަނޑު ކިލޯއެއްގެ އަގު ހުރީ 290 ރުޕީޒްގައެވެ. ފާއިތުވީ 3 ވަރަކަށް ދުވަހުގެ ތެރޭގައި އެކަނިވެސް ހިކި ކިރުގެ އަގުން 250 ރުޕީޒް ވަނީ ބޮދުވެފައެވެ. ކަރުދާސް ހޯދޭނެ ގޮތެއް ނެތި، ސްރީލަންކާގެ ސަރުކާރުން ވަނީ މަދަރުސާ އިމްތިހާންތައް ފަސްކޮށްފައެވެ.

އިންޑިއާއަކީ ސްރީލަންކާގެ އިގުތިސޯދީ ނުތަނަވަސްކަން ކުޑަ ކުރުމަށް އެންމެ ގާތުން އެހީ ފޯރުކޮށްދެމުން ދާ އެއް ގައުމެވެ. އެގޮތުން ދާދި ފަހުންވެސް އިންޑިއާއިން ވަނީ 1 ބިލިއަން ޑޮލަރުގެ ކްރެޑިޓްލައިން އެއްބަސްވުމެއްގައި ސްރީލަންކާއާއެކު ސޮއިކޮށް، ޒަރޫރީ މުދާ ގަތުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ސްރީލަންކާގައި ދާހިލީ ހަނގުރާމަ ކުރި ދުވަސްވަރުވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ރެފިއުޖީންގެ ގޮތުގައި އިންޑިއާއަށް ދަތުރު ކޮށްފައެވެ.

ސްރީލަންކާގެ މަސްރަހު އިންތިހާއަށް ނުތަނަވަސްވެ، ރެފިއުޖީންގެ ގޮތުގައި ލަންކާ ރައްޔިތުން ގައުމު ދޫކޮށް ދާން ފަށާފައި ވާ އިރު، އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން ދިވެހި ރާއްޖެ އެކަމަށް ތައްޔާރު ތޯ ދަޕްރެސްއިން ދިވެހި ފޮރިން މިނިސްޓްރީއާ ސުވާލު ކުރުމުން އަދި އިޖާބައެއް ލިބިފައެއް ނުވެއެވެ.