އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ޗައިނާގެ ފަރުބަދަމަތީ ސަރަހައްދަކަށް ވެއްޓުނު ޗައިނާ އީސްޓާންގެ ފްލައިޓުން ދަތުރުކުރި އެއްވެސް މީހެއްގެ ފުރާނަ ސަލާމަތް ވެފައި ނުވާ ކަމަށް، ޗައިނާގެ ދައުލަތުގެ މީޑިއާއާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

ޗައިނާގެ ކުންމިންގްއިން ފުރައިގެން ގުއާންގްޝޫއަށް ދަތުރު ކުރަމުން ދިޔަ ފްލައިޓްގައި 123 ފަސެންޖަރުންނާއި 9 ކުރޫއިން ތިބިއިރު، އޭގެ ތެރޭގައި ގައުމުން ބޭރު އެއްވެސް މީހަކު ނުހިމެނޭ ކަމަށް ހަބަރު ލިބެއެވެ.

ހާދިސާ ހިނގި ސަރަހައްދަށް މިއަދު ހެނދުނުގެ ވަގުތެއްގައި ރެސްކިއު ޓީމަށް ދެވިފައި ވާ ކަމަށާ، ބޯޓުގެ ބައިތައް ފެނިފައި ވީ ނަމަވެސް، ބޯޓުން ދަތުރު ކުރި އެއްވެސް މީހެއްގެ ހިލަމެއް ނެތް ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއާ ހަވާލާދީ، ސްކައި ނިއުސްއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ވައިގެ އުދުހުންތަކުގެ ހަރަކާތްތައް މޮނިޓާ ކުރަމުން އަންނަ ފްލައިޓްރޭޑާ24 ގެ މައުލުމާތަށް ބަލާއިރު، ފްލައިޓް 5735، ދަތުރަށް ފެށިތާ ގަޑިއެއް ހާއިރު ވީ ހިސާބުން ވަރަށް ސީދިލަށް، އިންތިހާ ބާރު މިނުގައި ތިރިއަށް "ދަތުރު ކުރަން" ފެށިއެވެ. އޭރު ބޯޓު ދަތުރު ކުރަމުން ދިޔައީ 29000 ފޫޓު މަތިން ކަމަށް މައުލޫމާތު ލިބެއެވެ. އެ ބާރު މިނުގައި 7400 ފޫޓަށް ވެއްޓި، އަދި އިތުރަށް 1200 ފޫޓު މައްޗަށް ހިފާލިއެވެ. އެއަށްފަހު އަނެއްކާވެސް ތިރިއަށް ގޮސް، ފަރުބަދަ މަތީ ސަރަހައްދަށް ބޯޓު ވެއްޓި، ހުޅުގަނޑު ފަޅައިގެން ދިޔައީ ކަމަށް މައުލުމާތު ލިބެއެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުނާ ގޮތުގައި އެ ގައުމުގައި އޮޕަރޭޓް ކުރާ ބޮއިންގް 737-800 މަރުކާގެ 1200 އެއްހާ ބޯޓު އޮންނައިރު އެ ބޯޓުތަކާއި، ޗައިނާ އީސްޓާންގެ ހުރިހާ ބޯޓެއް މިވަގުތު ވަނީ ގްރައުންޑް ކޮށްފައެވެ.

ބޮއިންގް 737-800 މަރުކާގެ ބޯޓުތައް، ވައިގެ އުދުހުންތަކުގައި ބޭނުން ކުރާތާ 20 އަހަރު ވެފައި ވާއިރު، މި މޮޑެލްގެ ބޯޓުތައް ޝާމިލުވާ އެކްސިޑެންޓްތަކުގެ އަދަދު 22 އަށް އަރައެވެ. ބޯޓު އަލުން މަރާމާތުކޮށްގެން ބޭނުން ނުކުރެވޭ ދަރަޖައަށް ހިނގި އެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 612 އަށް އަރާ ކަމަށް އޭވިއޭޝަން ސޭފްޓީ ނެޓްވޯކުން ބުނެއެވެ.

ހޯމަ ދުވަހު ޗައިނާއަށް ވެއްޓުނު ބޮއިންގްގެ މަތިންދާ ބޯޓަކީ، އުދުހުންތަކުގައި ބޭނުން ކުރާތާ 6 އަހަރު ވެފައި ވާ ބޯޓެކެވެ.

އެމެރިކާގެ ކުންފުންޏެއް ކަމަށް ވާ ބޮއިންގްއިން ވަނީ ޗައިނާގެ ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރާނުން އިސްވެ ހިންގާ ތަހުގީގުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކުންފުނީގެ ފަންނީ ތަޖުރިބާކާރުން ތައްޔާރަށް ތިބިކަން ހާމަކޮށްފައެވެ.

ނަމަވެސް ހާދިސާ ހިނގި ސަރަހައްދަށް ދަތުރު ކުރުމަކީ މާ ފަސޭހަ ކަމަކަށް ނުވާނެއެވެ. ހާދިސާ ހިނގި ސަރަހައްދަކީ، 3 ފަރާތުންވެސް ފަރުބަދަތައް ވަށާލާފައި ވާ ސަރަހައްދެކެވެ.

ޗައިނާއަކީ ވައިގެ އުދުހުންތަކުގެ ރައްކާތެރިކަމުގެ ރެކޯޑް އޮތް ގައުމެކެވެ.