ސަރުކާރުން މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ހައުސިން ޔުނިޓްތަކުގެ ގިނަ މަޝްރޫއުތައް މި ދައުރުގެ ތެރޭގައި ނުނިމޭނެކަން ހާމަވެއްޖެއެވެ.

ރިޔާސީ ބަޔާނުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއުލާން ކުރެއްވި ހައުސިން ޔުނިޓްތަކުގެ މަޝްރޫއުތަކާ ބެހޭ ތަފްސީލް ހޯދުމަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ. އަސްލަމް ލިޔުމުން ދެއްވި ޖަވާބުގައިވާ ގޮތުން، ސަރުކާރުގެ މި ދައުރު ނިމުމުގެ ކުރިން ނިމޭނީ މަދު ހައުސިން ޔުނިޓްތަކުގެ މަސައްކަތްތަކެވެ.

އަސްލަމް ވިދާޅުވެފައިވާ ގޮތުގައި މި ސަރުކާރުން ކުރިއަށް ގެންދާ 5،000 ހައުސިން ޔުނިޓް މަޝްރޫއުގެ ތެރެއިން 2،000 ޔުނިޓެއް އިންޑިއާގެ ޖޭއެމްސީ އިންޑިއާ ލިމިޓެޑް ކުންފުންޏާ ހަވާލުކޮށްފައިވާއިރު، އެ މަޝްރޫއުގެ މަސައްކަތް ފެށުމަށް މިދިޔަ ނޮވެމްބަރު މަހު ވަނީ ސައިޓް ހަވާލުކޮށްފައެވެ. އެ މަޝްރޫއު ނިމޭނީ 2025 ގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، އެންބީސީ އިންޑިއާ އާ އިތުރު 2،000 ހައުސިން ޔުނިޓްގެ މަޝްރޫއުގެ މަސައްކަތް މިދިޔަ ޑިސެމްބަރު މަހު ހަވާލުކޮށްފައިވާއިރު، އެ މަޝްރޫއު ނިމޭނީ 2024 ގައި ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އެޕޯލޯ ކުންފުންޏާ 1،042 ހައުސިން ޔުނިޓް އަޅަން ހަވާލުކޮށްފައިވާ ކަމަށެވެ. އެ މަޝްރޫއު ނިންމަން ހަމަޖައްސާފައިވަނީ 2024 އަށެވެ

ރިޔާސީ ބަޔާން އިއްވަވަމުން، މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާގައި ރައީސް ވިދާޅުވީ، މާލޭ ރަށްވެހިންނަށް ހުޅުމާލޭން މަދުވެގެން 1،000 ގޯތި، އަދި ގުޅީފަޅުން މަދުވެގެން 2،000 ގޯތި އަދި ގިރާވަރު ފަޅު ހިއްކައިގެން 2000 ގޯތި ދެއްވާނެ ކަމަށެވެ. ނަމަވެސް މިހާރުވެސް ފަށާފައި ހުރި ބައެއް މަޝްރޫއުތައް ލަސްކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.