ދުނިޔޭގެ ނިސްބަތުން 2 ވަނައަށް އެންމެ އާބާދީ ބޮޑު އިންޑިއާއަކީ ރެއާއި ދުވާލުމެހެން ކޮންމެވެސް އާދަޔާ ހިލާފު ކަމެއް ހިނގާ ގައުމެކެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެކަމެއް ވައިރަލް ވެގެން ދެއެވެ. ނުވަތަ ފަޅި ސިކުންތެއްގެ ތެރޭގައި ވައިގައި ހިއްޕާލައެވެ. މިއީވެސް އެފަދަ ވާހަކައެކެވެ.

އިންޑިއާގައި ފިލްމު އުފައްދަމުން އަންނަ ވިނޯދް ކާޕްރީގެ އުފެއްދުމެއް ވައިރަލް ވެގެންދިޔައީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. އެތައް މިލިއަން ވިއުޒްއަކާ އެކުގައެވެ. ފަހަރެއްގައިވެސް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ވައިރަލް ކޮށްލީއަކީ ނޫނެވެ. ނަމަވެސް، އެ ވީޑީއޯގެ ބަތޮލުގެ އާދަޔާ ހިލާފު ހިތްވަރުގ ސަބަބުންނެވެ.

ވީޑިއޯއިން ފެންނަނީ އުމުރުން 19 އަހަރުގެ ޕްރަދީޕް މެހްރާ ދުވާ މަންޒަރެވެ. އާންމު މީހަކަށް އެއް ވާނެއްގައި ނުދުވެވޭހާ ދުރު ރާސްތާކަކަށް އޭނާ ދުވާ މަންޒަރެވެ. ޕްރަދީޕް މެހްރާއަކީ، އިންޑިއާގެ ވެރިރަށް ނިއުދިއްލީއާ ދާދި ކައިރީގައި ހިންގާ މެކްޑޮނާލްޑްސް އައުޓްލެޓެއްގައި މަސައްކަތް ކުރަމުން އަންނަ ޒުވާނެކެވެ.

ކާޕްރީގެ ސަމާލުކަން މި ޒުވާނާއަށް ހުއްޓުނީ ރޭގަނޑުގެ ކަނު އަނދިރީގައި، ދަބަހެއް ކޮނޑު އަޅައިގެން ދުވާ މަންޒަރު ފެނިގެންނެވެ. ކާޕްރީއަށް ފުރަތަމަ ވިސްނާލެވުނީ އެއީ އެހީއަކަށް ބޭނުންވެގެން ދުވަމުންދާ ޒުވާނެއް ކަމަށެވެ. އަދި ކާރުގައި އެތަނަކަށް ގެންގޮސްދޭން ހުށަހެޅިއެވެ. ތަކުރާރުކޮށެވެ. ނަމަވެސް، ކޮންމެ ފަހަރަކުވެސް އެ ޒުވާނާ ދިޔައީ ކާޕްރީގެ ހުށަހެޅުމަށް އިންކާރު ކުރަމުންނެވެ. ސަބަބަކީ ކޮބާ ހެއްޔެވެ؟

ޕްރަދީޕް މެހްރާގެ ދުވުމުގެ ފަހަތުގައި ވާ ސިއްރަކީ އިންޑިއާގެ އަސްކަރިއްޔާއާ ގުޅުމަށް އޭނާގެ ހިތުގައި އޮތް ވަރުގަދަ އަޒުމެވެ. ސިކުނޑީގައި ތަސްވީރު ވަމުންދާ ފޮނި މަންޒަރުތަކެވެ.

ވައިރަލް ވި ވީޑިއޯއާ ގުޅިގެން މީޑިއާއާ ވާހަކަދައްކަމުން ޕްރަދީޕް މެހްރާ ބުނީ އޭނާގެ މަންމަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުން އަންނަތާ ދުވަސްތަކެއް ވެފައި ވާ ކަމަށެވެ. އަދި އާއިލާގެ ހަރަދުތައް ބަލަހައްޓަނީ ދެބެންގެ މަސައްކަތުން ކަމަށެވެ.

މެކް ޑޮނާލްޑްސްގައި މަސައްކަތް ކުރާ ޕްރަދީޕް މެހްރާ، ކޮންމެ ރެއަކު 10 ކިލޯމީޓަރަށް ދުވެއެވެ. މެކްޑޮނާލްޑްސްއިން ގެއަށެވެ. އެއީ އިންޑިއާގެ އަސްކަރިއްޔާއަށް ވަނުމަށް ގައިގައި ބުންވަރު ޖައްސާ، ތަމްރީނު ވުމަށެވެ.

ޕްރަދީޕް މެހްރާގެ މި ވާހަކަތައް އަޑު އިވިގެން އެތައް ބަޔަކު މިހާރު ވަނީ އޭނާ ތަމްރީނު ކޮށްދޭން ހުށަހަޅާފައެވެ. އަދި މަޝްހޫރު ސެލެބްރިޓީންނާއި ސިޔާސީ ޝަހްސުންވެސް ދަނީ ޕްރަދީޕް މެހްރާއަށް ތައުރީފު ކުރަމުންނެވެ.