ލޮލަށް ފެނުމުގައި ދަތިތައް ހުރި ކުދިންނަށް ހާއްސަކޮށް ތައްޔާރުކުރެވި، ތައާރަފްކުރާ ދިވެހި ސްކްރީން ރީޑިން ސޮފްޓްވެއާ އިއްޔެ އިފްތިތާހު ކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަނާއި ޖަވާބު ޕްރައިވެޓް ލިމިޓެޑް ގުޅިގެން "ޝާމިލް އަޑު"ގެ ނަމުގައި ތައްޔާރުކުރި އެ ސޮފްޓްވެއާ އިފްތިތާހުކޮށްދެއްވާފައި ވަނީ އެކަމަށްޓަކައި ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމެވެ.

އެ މަސައްކަތުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ލޮލަށް ފެނުމުގައި ދަތިތައް ހުރި ކުދިންނަށް ފަސޭހަކަމާއެކު ބޭނުންކޮށްލެވޭ ފަދަ ސޮފްޓްވެއާއެއް ފަރުމާ ކުރުމަށެވެ. އެގޮތުން "ޝާމިލް އަޑު" ބޭނުން ކުރެވޭނީ:

  • ޑެސްކްޓޮޕް
  • އެންޑްރޮއިޑް
  • އައިއޯއެސް

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ، "ޝާމިލް އަޑު" ސޮފްޓްވެއާ އާ އެކު، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ގިނަ ފުރުސަތުތައް ފަހިކޮށްދިނުމަށް އެދިވަޑައިގެންފައެވެ. އެމަނިކުފާނު ވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެކި ކަންކަން ހާސިލްކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ފާޙަގަ ކުރައްވައިފައެވެ.

އޭގެ އިތުރުން، "ޝާމިލް އަޑު" އޮންލައިންކޮށް އަދި އޮފްލައިންކޮށްވެސް ބޭނުން ކުރެވޭއިރު، ކޮޕީ ޕޭސްޓުކޮށް ދިވެހި ލިއުންތައް ކިއުމަށާއި، ގޫގުލް ޓޯކްބެކް ހިދުމަތާއެކު ސިސްޓަމް ޓީޓީއެސް ސާވިސެއްގެ ގޮތުގައިވެސް ބޭނުންކުރެވޭނެއެވެ.