އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" ގެ ޝަރުތުތައް އިސްލާހުކޮށް، ވަކިން ފުލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީއަށް ގެނައި އިސްލާހާއެކު މިހާރު މި ކެޓަގަރީއަށް އެޕްލިކޭޝަން ހުށަހެޅޭނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ނުކުޅެދުންތެރިކަމެއް ހުންނަ ފަރާތްތަކަށެވެ.

މީގެ އިތުރުން މި އުސޫލަށް ގެނެސްފައިވާ އަނެއް ބަދަލަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ފުލެޓަށް އެދި ހުށަހަޅާއިރު، މީގެ ކުރިން ކަނޑައަޅާފައިވާ މުއްދަތުތައް އެ ފަރާތްތަކުގެ މައްޗަކަށް ނުހިނގާނެ ގޮތަށް އުސޫލަށް ގެނައި ބަދަލެވެ. އެއީ، މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ، މަދުވެގެން 1 އަހަރު ދުވަސް އަދި މާލޭގައި ދިރިއުޅޭ އެހެން ރަށެއްގެ ރަށްވެއްސެއް ނަމަ، މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައި ވާންޖެހޭނެ ކަމަށް މީގެ ކުރިން ކަނޑައަޅާފައިވާ ޝަރުތެވެ.

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުރި ފަރާތް ނުވަތަ އެ ފަރާތުގެ އާއިލާގެ މާލީ ހާލަތު ހުރިގޮތުން މާލެ ސަރަހައްދުގައި ދިރިއުޅެވޭނެ ގޮތެއް ނެތުމާއެކު، އެ ފަރާތެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމަށް، ދިރިއުޅެމުންދާ ރަށުން ނުވަތަ އަތޮޅުން ފަރުވާ ލިބެން ނެތުމުގެ ސަބަބުން މާލެ ސަރަހައްދުން ވޭތުވެދިޔަ 1 އަހަރު ފަރުވާ ހޯދައިފައިވާ ފަރާތަކަށް ވާންޖެހެއެވެ. ނުވަތަ މާލޭ ސަރަހައްދުގައި ދިރިއުޅޭތާ މެދުނުކެނޑި 5 އަހަރު ވެފައިވާ މީހަކަށް ވާންޖެހޭނެއެވެ.

ހައުސިން މިނިސްޓްރީން ބުނީ މި އުސޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ، މާޗު 24، 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން އެޕްރީލު 30، 2026 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ނިޔަލަށް ކަމަށެވެ. މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅުއްވާނީ ޕޯޓަލް މެދުވެރިކޮށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.