ދުވަސްތަަކަކަށް ފަހު އަނެއްކާ ވެސް ބީއެމްއެލް އިންޓަނެޓް ބޭންކިން އަދި މޮބައިލް އެޕލްިކޭޝަންގައި މައްސަލައެއް ޖެހިއްޖެއެވެ.

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ، ޓެކްނިކަލް މައްސަލައެއް ދިމާވެގެން މި ވަގުތު އެ ބޭންކުން ދެމުންދާ ހިދުމަތްތަކަށް ބުރޫ އަރާ، ކަސްޓަމަރުންނަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ. މި މައްސަލަ ވީ އެންމެ އަވަހަކަށް ހައްލުކޮށް ދިނުމަށް މަސައްކަތް ކުރަމުން ދާ ކަމަށް އެ ބޭންކުން ބުނެއެވެ.

އަދި މި މަސައްކަތުގެ ސަބަބުން ހިދުމަތްތަކަށް ބުރޫއަރާތީވެ ބީއެމްއެލުން ވަނީ ކަސްޓަމަރުންގެ ކިބައިން މާފަށް އެދިފައެވެ.

މި ވަގުތު މޯބައިލް އެޕލްިކޭޝަން މެދުވެރިކޮށް ބޭންކްގެ ބެލެންސް ބެލުމުން، ފެންނަނީ ޒީރޯ ބެލެންސް އަރާފައި ހުންނަ ތަނެވެ. އަދި އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެއްވެސް ޓްރާންސެކްޝަނެއް ނުކުރެވެއެވެ.

މީގެ ހަތަރު މަސް ކުރިން ވެސް ބޭންކްގެ ބައެއް ހިދުމަތް ހޯދުމުގައި ވަނީ ދަތިތަކާ ކުރިމަތިކާން ޖެހިފައެވެ. އޭރު އެ މައްސަލަ ދީމާވީ، ބޭންކުގެ ހިދުމަތްތައް ރަނގަޅު ކުރުމަށާއި، ސިސްޓަމްތަކުގެ ސްޓޭންޑަޑް ދެމެހެއްޓުމަށްޓަކައި ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރަމުންދާތީ ކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ.