ޅ. މާފިލާފުށީގައި ސިފައިންގެ ތަމްރީނުތައް ހަދަމުން ދަނިކޮށް ހާލު ދެރަވި ދެ ޒުވާނުން ފަރުވާއަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

އެ ދެ ޒުވާނުންގެ ހާލު ދެރަވެގެން އައިޖީއެމްއެޗަށް ގެންދިޔައީ މި މަހުގެ 11 ވަނަ ދުވަހެވެ. އަދި އޭގެ ތެރެއިން އެކަކަށް އައިސީޔޫގައި ފަރުވާދެމުން ދިޔައިރު، ދެ ވަނަ މީހާއަށް ވަނީ ވޯޑުގައި ފަރުވާ ދީފައެވެ.

ވޯޑުގައި ފަރުވާ ދެމުންދިޔަ މީހާގެ ހާލު ރަނގަޅުވެ ގެއަށް ދޫކޮށްލައިފައި ވާއިރު އައިސީޔޫގައި ފަރުވާ ހޯދަމުން ދިޔަ މީހާ އާއިލާގެ އެދުމުގެ މަތިން ހޮސްޕިޓަލުން ދޫކޮށްލާ ބޭރަށް ވަނީ ގެންގޮސްފައެވެ.

މާފިލާފުށީގައި ތަމްރީންތައް ހަދަމުން ދަނިކޮށް މި މަހުގެ 7 ވަނަ ދުވަހު ގދ. ގައްދޫއަށް ނިސްބަތްވާ ޕްރައިވެޓް މުހައްމަދު ރާފިލް ރަބީލް ވަނީ ނިޔާވެފައެވެ. އޭނާ ނިޔާވެފައި ވަނީ ނޭވާލުމަށް އުނދަގޫވެގެން ފަރުވާދިނުމަށް ފަހު އިތުރު ފަރުވާއަށް ޅ. ނައިފަރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. މި ހާދިސާތަކާ ގުޅިގެން އެމްއެންޑީއެފް އިން ދަނީ ކޮމިޓީއެއް އެކުލަވާލައި އެ މައްސަލަ ބަލަމުންނެވެ.