ޗައިނާގެ ފަރުބަދަމަތީ ސަރަހައްދަކަށް މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ވެއްޓުނު ޗައިނާ އީސްޓާންގް ފްލައިޓް އެމްޔޫ-5735 އިން ދަތުރު ކުރި އެއްވެސް މީހަކު ދިރިހުއްޓާ ފެނުމުގެ ފުރުސަތު ކުޑަ ކަމަށް، އެ ސަރަހައްދުގެ މީހުންނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

123 ފަސެންޖަރުންނާއި 9 ކުރޫއިންނާއެކު ޗައިނާގެ ކުންމިންގްއިން ފުރައިގެން ގުއާންގްޝޫ އަށް ދަތުރު ކުރަމުން ދަނިކޮށް، ފްލައިޓް އެމްޔޫ-5735 ވެއްޓުނީ، ބޯޓު ޖައްސަން ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށެވެ. ނަމަވެސް ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެއްވެސް ވަރަކަށް ސާފެއް ނުވެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން، ބޯޓު ވެއްޓުނު ސަރަހައްދުގައި ދިރިއުޅޭ އާންމުން ވަނީ ބޯޓު ކުދިކުދި ވެފައި ވާ ކަމަށް ބުނެފައެވެ. މިއާއެކު، ބޯޓުން ދަތުރު ކުރި އެއްވެސް މީހަކު ދިރިހުއްޓާ ފެންނާނެ ކަމުގެ އުއްމީދު ވަނީ ފަނޑުވެފައެވެ. ބޯޓުން ދަތުރުކުރި މީހެއްގެ ހާލެއް އަދި ސާފެއް ނުވެއެވެ.

ޓެންގް ކައުންޓީގެ ފަޔާފައިޓަރުންނަށް ހާދިސާގެ މައުލޫމާތު އެންމެ ފުރަތަމަ ލިބުނީ، އެ ސަރަހައްދުން މަތިންދާ ބޯޓެއްގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް ފެނިގެން ބަޔަކު ކުރި ރިޕޯޓަކާ ގުޅިގެންނެވެ.

300 މެންބަރުންގެ މައްޗަށް އެކުލެވޭ ރެސްކިއު ޓީމެއް އެ ސަރަހައްދުގައި ހަރަކާތްތެރިވުމަށް މަސައްކަތް ކުރަމުން ދާއިރު 150 މެންބަރުންގެ ވަފުދެއް މިއަދުގެ ފަހުގެ ވަގުތެއްގައި އެ ސަރަހައްދަށް ދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ބޯޓު ވެއްޓުނީ ގަސްބޯ ސަރަހައްދަކަށް ކަމުން، ހާދިސާއާ ގުޅިގެން އަލިފާނުގެ ހާދިސާއެއްވެސް ވަނީ ހިނގާފައެވެ. ނަމަވެސް މިހާރު އެ އަލިފާންގަނޑު ނިއްވާލާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ފްލައިޓް އުދުހެމުން ދިޔަ ގޮތުގެ މައުލޫމާތަށް ބަލާއިރުޔ ގާތްގަނޑަކަށް 7 އަހަރުވެފައިވާ ބޯޓު، ރާޑަރުން ގެއްލުމާ ހަމައަށްވެސް އުދުހެމުން ދިޔައީ އާދައިގެ ގޮތަކަށެވެ. ބޮއިންގް 737 މަރުކާގެ މަތިންދާ ބޯޓުތަކަކަކީ ވައިގެ އުދުހުންތަކުގައި ރައްކާތެރި ބޯޓެކެވެ. އަދި ޗައިނާއަކީ ވައިގެ އުދުހުންތަކުގެ ސިނާއަތުގައި، ރައްކާތެރިކަމުގެ ރެކޯޑް އޮންނަ ގައުމެއްވެސް މެއެއެވެ. ވައިގެ އުދުހުންތަކުގެ ކޮންޓްރޯލް ވަރުގަދަ ކޮށްފައި ވާއިރު، އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވަނީ ޒުވާން ޓީމެކެވެ.

ހާދިސާގެ ހަބަރު މީޑިއާއަށް ތިލަވުމާއެކު، ބޮއިން ކުންފުންޏާއި ޗައިނާ އީސްޓާންގެ ހިއްސާގެ އަގުތައް ވަނީ ދަށަށް ގޮސްފައެވެ.