ކުރިއަށް އޮތް ރޯދަ މަހު ސަލްމާން މިސްކިތުގައި ނަމާދު ކުރެވޭ ވަރު ވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއީލް އަފްރާހް ވިދާޅުވީ، ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސަލްމާން މިސްކިތުގެ ނަމާދުކުރާ ބައި އާންމުންނަށް ހުޅުވާލުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އެބަ ގެންދާ ކަމަށެވެ.

ނަމަވެސް އެ މިސްކިތުގެ ބާކީ ހުރި ބައިތައް ކަމަށްވާ ހަތަރު ކްލާސްރޫމާއި، ފަސް ސެމިނާ ރޫމާއި ކުތުބުހާނާ އާއި އޮޑިޓޯރިއަމް ހުޅުވާނެ ދުވަހެއް ދަންނަވަން އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަލްމާން މިސްކިތަކީ ސައުދީ ސަރުކާރުގެ އެހީތެރިކަމުގެ ދަށުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ތުރުކީގެ ކުންފުންޏަކާ އަޅަން ހަވާލުކޮށްފައިވާ މިސްކިތެކެވެ. އެ މިސްކިތުގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ ތުރުކީގެ ޓާމެކްސް ކުންފުންޏާ މީގެ ފަސް އަހަރު ކުރިން، ފެބްރުއަރީ 28 ގައެވެ.

ގާތްގަނޑަކަށް 370 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި ސަލްމާން މިސްކިތުގައި އެއްފަހަރާ 6،000 މީހުންނަށް ނަމާދު ކުރެވޭއިރު، އެ މިސްކިތުގައި ހަތަރު ކްލާސްރޫމަކާއި، ފަސް ސެމިނާ ރޫމަކާއި ކުތުބުހާނާއެއްގެ އިތުރުން އޮޑިޓޯރިއަމެއް ހުރެއެވެ. އެ މިސްކިތުގެ މަސައްކަތްތައް މީގެ ދެ އަހަރެއްހާ ދުވަހުގެ ކުރިން ނިމިފައިވީ ނަމަވެސް، އެކި ސަބަބުތަކާ ހެދި އެ މިސްކިތް ހުޅުވުން ލަސްވެފައިވުމުން، އާންމުންގެ ފާޑުކިއުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އެކަމާ ގުޅިގެން، އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ސިޓީއެއްވެސް ފޮނުއްވާފައިވެއެވެ.