ކުރިއަށް އޮތް ރޯދަ މަހުގައި އަސާސީ ބޭނުންތައް ފުއްދުމަށް ދަތިވާ އާއިލާތަކަށް އެހީވުމަށް މަމްސް އިން ހިންގާ "ހެލްޕް އަ ފެމިލީ" ޕްރޮގްރާމް އަށް ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުން އަސާސީ ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށް ދީފިއެވެ.
ބީއެމްއެލުން ބުނީ، މި މަސައްކަތުގެ ތެރެއިން މޮމްސްގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ، އަސާސީ ބޭނުންތައް ފުއްދުމަށް ދަތި 100 އާއިލާއަކަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އަމާޒަށް ވާސިލްވާނެ ކަމަށެވެ. ދިރިއުޅުމުގައި އެކި ދަތިތަކާ ކުރިމަތިވެފައިވާ އާއިލާތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެނައުމަށް މުވައްޒަފުންގެ ފަރާތުން ވަރަށް ދީލަތި އެހީއެއް ވަނީ ލިބިފައި ކަމަށް ބީއެމްއެލުން ބުނެއެވެ.
މަމްސްގެ ފަރާތުން ބުނީ މި މަސައްކަތުގައި ބީއެމްއެލްގެ މުވައްޒަފުން ވެދިން ދީލަތި އެހީއަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ. މި އެހީއާއެކު އާއިލާތަކާއި މުޖުތަމައަށް ހެޔޮ ބަދަލު ގެނައުމަށް ކުރަމުންދާ މަސައްކަތަށް މިއީ ލިބިގެންދިޔަ ހިތްވަރެއްގެ ގޮތުގައި މޮމްސް އިން ސިފަކުރެއެވެ.
ބީއެމްއެލްއަކީ މިފަދައިން އެހީ ބޭނުންވާ ފަރާތްތަކަށް އެހީ ފޮރުކޮށް ދިނުމަށް މަސައްކަތް ކުރާ މުޖުތަމައަށް ހެޔޮ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއް ކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން މިދިޔަ އަހަރުބީއެމްއެލުން ވަނީ އެހީތެރިކަމަށް ބޭނުންވެފައިވާ އާއިލާތަކަށް ރޯދަ މަހު އެހީތެރިވުމަށް އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އަށް 100،000 ރުފިޔާ ހަދިޔާ ކޮށްފިއެވެ. އަދި 2020 ވަނަ އަހަރު ވެސް ބޭންކުން ވަނީ ކޮވިޑް-19 ގެ ސަބަބުން އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވުމަށް އާކް އެއިޑް ޕްރޮގްރާމަށް 200،000 ރުފިޔާ ހަދިޔާ ކޮށްފައެވެ. މި އެހީގެ ދަށުން ރާއްޖޭގެ 14 ރަށެއްގައި ދިރިއުޅޭ 300 އާއިލާއެއްގެ 500 ކުދިންނަށް ވަނީ އެހީތެރިކަން ފޯރުކޮށް ދީފައެވެ.